އިސްރާއީލުގެ ބާރުތަކުން އިންޑޮނޭޝިއާ ހޮސްޕިޓަލް ހިސޯރު ކުރުމާއެކު، ޣައްޒާ ގެ އުތުރު ސަރަހައްދުގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކެއް މިހާރު ވަނީ "ޚިދުމަތް ދިނުން ހުއްޓާލާފައި" ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
"އިސްރާއީލުގެ އިސްތިއުމާރީ ބާރުން އިންޑޮނޭޝިއާ ހޮސްޕިޓަލް އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުތަކަށް ދެމުންދާ ބޮޑެތި ހަމަލާތަކާއެކު ސަރަހައްދު ވަށައިލުމުގެ ސަބަބުން ބަލިމީހުންނާއި، މެޑިކަލް މުވައްޒަފުންނާއި، އަދި ސަޕްލައިތައް ގެންދިއުން ވަނީ ހުއްޓުވާލާފައެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލުން ޚިދުމަތް ދިނުން ވަނީ މަޖުބޫރުން ހުއްޓާލަން ޖެހިފައެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަނެއްކޮޅުން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ ހޮނިހިރު ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އިތުރު ފޯނު ކޯލެއް ކުރައްވާފައެވެ. މިކަން ރޫބިއޯގެ ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ. މި ފޯނު ކޯލް ކުރައްވާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާ އިން ޣައްޒާ ގައި ހަރުކަށި އިތުރު ހަމަލާތަކެއް ފަށާފައިވަނިކޮށްނެވެ.
މި ފޯނު ކޯލަކީ އެ ދެ ފަރާތުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކުރެއްވި ދެވަނަ ފޯނު ކޯލެވެ.
ރޫބިއޯ އަދި ނަތަންޔާހޫ "ޣައްޒާގެ ހާލަތާއި އަދި ބާކީ ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ،" ސްޓޭޓް ސެކްރެޓަރީގެ ތަރުޖަމާނު ޓެމީ ބްރޫސް ބަޔާނެއްގައި ހާމަކުރައްވާފައިވެއެވެ.
އިސްރާއީލުގެ ނުރައްކާތެރި އައު ހަމަލާތައް ފަށާފައިވަނީ ޣައްޒާގައި އިންސާނީ އެހީތެރިކަމުގެ ހާލަތު ދަށަށް ދާތީ ބައިނަލްއަޤްވާމީ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ބްލޮކޭޑްގެ ސަބަބުން ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.