މުޅި ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމުގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ހާމަ ކޮށްފިއެވެ.
މި އޮޕަރޭޝަން ފެށި އިރު، އިސްރާއީލުގެ ސިފައިން ވަނީ މިފަހުގެ ތާރީޚެއްގައި ނުދޭ ފަދަ ނުރައްކާތެރި ހަމަލާތަކެއް މި ހަފްތާ ބަންދުގައި ޣައްޒާ އަށް ދީފައެވެ. ކާބޯތަކެއްޗާއި ބޭހާއި ޒަރޫރީ ބޭނުންތަކަށް އެއްވެސް އެއްޗެއް ޣައްޒާ އަށް އެތެރެވިޔަ ނުދީ އެތައް ހަފްތާ އެއް ވަންދެން ހިފެހެއްޓުމަށްފަހު، އިސްރާއީލުން ޣައްޒާ އަށް ހުކުރު ދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް 100ށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން ޓެލެގްރާމްގައި ބުނެފައިވަނީ "އޮޕަރޭޝަން ގިޑިއަންސް ޝެރިއަޓްސް" ގެ ނަމުގައި ކުރިއަށްގެންދާ ހަމަލާގެ "ފުރަތަމަ މަރުހަލާތައް" ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ "ޣައްޒާ ސްޓްރިޕްގައި ހަނގުރާމައިގެ ހުރިހާ މަޤްޞަދުތަކެއް ޙާޞިލުކުރުމުގެ ގޮތުން، އޭގެ ތެރޭގައި ރަހީނުން މިނިވަން ކުރުމާއި، ހަމާސް ބަލިކުރުމަށް، ހަނގުރާމަ ފުޅާކުރުމުގެ ބައެއް" ކަމަށް އަރަބި ބަހުން ޕޯސްޓްކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.
އިނގިރޭސި ބަހުން ނެރެފައިވާ ވަކި ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިން "ޣައްޒާ ސްޓްރިޕްގެ ސަރަޙައްދުތަކުގައި އޮޕަރޭޝަނަލް ކޮންޓްރޯލް ހޯދުމަށް ސިފައިން ޖަމާކުރަމުންދާ" ކަމަށެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ ހުކުރު ދުވަހު އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކުގައި 100 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އިސްރާއީލު ސިފައިންގެ ފަރާތުން ބުނެފައިވަނީ 24 ގަޑިއިރުގެ ތެރޭގައި "ޣައްޒާ ސްޓްރިޕްގެ އެކި ސަރަޙައްދުތަކުގައި ހުރި 150 އަށްވުރެ ގިނަ ޓެރަރިސްޓް ލަނޑުދަނޑިތަކަކަށް" ޙަމަލާދީފައިވާ ކަމަށެވެ.
އިސްރާއީލުން ޣައްޒާ ގައި އަސްކަރީ ޙަމަލާތައް އަލުން ފަށާފައިވަނީ މާރޗް 18 ގައެވެ. އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ އަށް ހަމަލާ ދޭން ފެށުމަށްފަހު ހަމަލާތައް މެދުކަނޑާލާފައި އޮތީ އެންމެ ދެމަސްދުވަހުގެ މުއްދަތަކަށެވެ.
ޣައްޒާގެ މުޅި ކޮންޓްރޯލު ހޯދުމަށް ކަމަށް ބުނެ އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާ އެއްގަމު މަގުންނާއި ވައިގެ މަގުން އިތުރު ހަމަލާތައް ދޭން ނިންމި އިރު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ބޯފެނާއި، ތެލާއި، ބޭސްފަރުވާ އަށް އިސްރާއިލުން ހުރަސް އަޅާފައި އޮންނަ އޮތުމަށް މުޅި ދުނިޔެއިން ގެންދަނީ ފާޑު ކިޔަމުންނެވެ.