އިސްރާއީލް އާއި ފަލަސްތީނާ ދެމެދު، ދެ ދައުލަތުގެ ޙައްލަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން، އަންނަ ޖޫން މަހު އޮންނާނެ ކަމަށް ފްރާންސް ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކޮށްފި އެވެ.
ފްރާންސް އަދި ސައުދީ އަރަބިއްޔާގެ އިސް ނެގުމުގެ ދަށުން، އިސްރާއީލް އާއި ފަލަސްތީނުގެ ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުން އޮންނާނީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހުން، 20 ވަނަ ދުވަހަށް ކަމަށް، ފްރާންސް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
އެ ބައްދަލުވުން އޮންނާނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި މި ބައްދަލުވުން އިންތިޒާމު ކުަނީ އދ ގެ ޖެނަރަލް އެސެމްބްލީ އިން ކަމަށް ވެސް ބުނެފައިވެ އެވެ.
މިހާތަނށް އައިއިރު، 150 އަށް ވުރެ ގިނަ ޤައުމަކުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގެންފަ އެވެ. ނަމަވެސް އދ ގެ ފުރިހަމަ މެމްބާޝިޕް ދީފައި ނުވާތީ، ހަމައެކަނި އޮތީ އދ ގެ އޮބްޒާވަރ ސްޓޭޓަސް އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްޕެއިން، އަޔަލެންޑް އަދި ނޯވޭ އިން ވެސް ވަނީ ފަލަސްތީނުގެ މިިނިވަން ދައުލަތް ބަަލައިގެންފަ އެވެ. ނަމަވެސް، ފްެރާންސް އަދި ޔޫރަޕުގެ ބައެއް އެހެން ޤައުމުތަކުން މިހާތަނަށް އެކަން ބަަލައިގެންފައި ނުވެ އެވެ. ފްރާންސް އިން ހާމަކޮށްފައިވާ ގޮތުގައި ޖޫން މަހުގެ ތެރޭގައި އެ ޤައުމުން ވެސް ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ އެވެ.
ގިނަ ޤައުމުތަކަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައި އެކަން އިއުލާން ކޮށްފައިވާއިރު، އެކަމާ ގުޅިގެން އިސްރާއީލް އިން ވަނީ އެ ޤައުމުތަކަށް ފާޑު ވެސް ކިޔައިފަ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމުމަށް ފަހު، ސްޕެއިންގެ ބޮޑު ވަޒީރު އޭރު ވިދާޅުވެފައި ވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމުގައި ހުޅަނގު އައްސޭރި އާއި ޣައްޒާ ގުޅާލެވެން ޖެހޭނެ ކަމަށާއި، އިރުމަތީ ޖެރުސަލަމް ވާން ޖެހޭނީ ފަލަސްތީންގެ ވެރި ރަށުގެ ގޮތުގައި ކަމަށް ސްޕެއިން އިން ދެކޭ ކަމަށެވެ.
ސްޕެއިން އިން ބުނެފައި ވަނީ 1967 ގެ ކުރިން ކަނޑަ އަޅާފައިވާ ފަލަސްތީންގެ ބޯޑަރަށް ބަދަލު އަންނަ ގޮތަކަށް އެ ގައުމުން ބަލައި ނުގަންނާނެ ކަމަށެވެ. 1967 ގެ އަރަބި އިސްރާއީލް ހަނގުރާމައިގައި އިސްރާއީލް އިން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާ ސްޓްރިޕް އަދި އިރުމަތީ ޖެރުސަލަމް ވާން ޖެހޭނީ ފަލަސްތީނުގެ ސަރަހައްދަށް ކަމަށް ވެސް ސްޕެއިނުން ބުނެފައިވެ އެވެ.
މީގެ އިތުރުން ނޯވޭ އިން އޭރު ބުނެފައި ވަނީ އެ ޤައުމަކީ ފާއިތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމަށް ވަކާލާތު ކޮށްފައިވާ ގައުމެއް ކަމަށެވެ. އަދި ނޯވޭ އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަކީ، ފަލަސްތީނާއި ނޯވޭއާ ދެމެދުގައިވާ ގާތް ގުޅުމަށް އެޅުނު މުހިން ފިޔަވަޅެއް ކަމަށް ވެސް އެ ޤައުމުން ދެކެ އެވެ.