އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، މިހާރު ޣައްޒާ އަށް ކުރިމަތިވެފައިވާ ޙާލަތާމެދު ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އަލްބޭނިއާގައި ކުރިއަށް ދިޔަ ޔޫރަޕިއަން ލީޑަރުންގެ ބައްދަލުވުމުގައި މެކްރޮން ވިދާޅުވީ، ޣައްޒާ އަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ޙާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، އެ ޙާލަތަކީ ޤަބޫލު ކުރެވޭނެ ޙާލަތެއް ނޫން ކަމަށެވެ.
މެކްރޮން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި އަހަރުގެ މާޗު މަހު އަލުން ޣައްޒާ އަށް ހަމަލާ ދޭން އިސްރާއީލް އިން ވަނީ ފަށައިފަ އެވެ. އަދި ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް ވެސް އިސްރާއީލް އިން ވަނީ ހުރަސް އަޅައިފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ އިދާރާ ތަކުން ދީފަ އެވެ.
މެކްރޮން ވިދާޅުވީ ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ގޮސްވެފައިވާ ކަމަށެވެ. މެކްރޮން ވިދާޅުވީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، މިހާތަނަށް ދުވަހަކު ވެސް ނުދެކޭ ފަދަ އިންސާތީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ.
އިތުރަށް މެކްރޮން ވިދާޅުވީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވައި، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ އިސްކަން ދޭން ޖެހޭ ކަންތައް ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް އިސްރާއީލް އިން ކުރަމުން އަންނަ ދަތިތަކުގެ ތެރެއިން، ޣައްޒާ އަށް ބޭނުންވާ ސާފު ބޯ ފެނާއި، ކާބޯ ތަކެއްޗާއި، ބޭސް ފަރުވާ އަށް ބޭނުންވާ އެހީ ވެއްދުމަށް އެ ޤައުމުން އަންނަނީ ހުރަސް އަޅަމުންނެވެ.
މެކްރޮން ފާހަގަ ކުރެއްވި ގޮތުގައި އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން އެމެރިކާގެ ރައީސް ޓްރަމްޕާ ހިއްސާ ކުރައްވާފައި އެވެ. އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫއާ މަޝްވަރާ ކުރުމުގެ ފުރުސަތެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.