މި ސަރުކާރުން އުފައްދައި، ހުޅުވި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ކުރީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އަށް މުސާރަ ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނޮއެލް އައްޔަން ކުރެއްވީ އޯގަސްޓް 2024 ގައެވެ. އަދި އިސްތިއުފާ ދެއްވާފައިވަނީ 23 މާރިޗް 2025 ގައެވެ. ނޮއެލް އިސްތިއުފާ ދެއްވި ސަބަބު ސަރުކާރުން ހާމަކޮށްފައިނުވާއިރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެސް ބުނެފައިވަނީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީ އަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ނޮއެލްއަށް މުސާރަ އާއި އިނާއަތްތައް ނުދޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި، ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލުތައް ޑިވެލޮޕްމަންޓް ބޭންކުން ހާމަކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ނަމަވެސް ނޮއެލްއަށް މުސާރައާއި އިނާޔަތް ނުލިބުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ 7 އޭޕްރީލް 2025 ގައެވެ.
މި މައްސަލައާ ގުޅިގެން ޓްރައިބިއުނަލްއިން ބުނެފައިވަނީ ނޮއެލްގެ ފަރާތުން ޑިވެލޮޕްމަންޓް ބޭންކަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތަކީ ބިދޭސީ ފަރާތަކަށްވެފައި، އެފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭނެ ފަރާތެއްކަމުގައި ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2022 ގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަރުޖަމާނަކު ހަމަޖެއްސުމަށް ދެވުނު މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތުން ތަރުޖަމާނަކު ހަމަޖައްސާފައިނުވާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2022 ގެ 7 ވަނަ މާއްދާގެ (ނ)އަށް ރިއާޔަތްކޮށް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިނިއުނަލުން ބާތިލްކޮށްފައިވާ ކަމަށެވެ.
މިމަހުގެ 7 ވަނަ ދުވަހު ޓްރައިބިއުނަލްއިން މި މައްސަލަ ބާތިލް ކުރި ނަމަވެސް މައްސަލަ 30 ދުވަހުގެ ތެރޭގައި 500 ރުފިޔާގެ ޖޫރިމަނާއަކާ އެކު އަލުން ހުށަހެޅޭނެއެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ 16 މެއި 2024 ގައެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
މީގެ އިތުރުން އެ ބޭންކު ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ 16 ނޮވެމްބަރު 2024 ގައެވެ. ނަމަވެސް މިހާތަނަށް އައި އިރު މި ބޭންކުގެ ޚިދުމަތެއް އެއްވެސް ގޮތަކަށް ދީފައި ނުވެއެވެ.