ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 17:03
އާންމު އިންތިހާބު އޮތް ދުވަސްވަރު ފެނަކައިގެ އެމްޑިއަކަށް ހުންނެވި މުއާޒް
އާންމު އިންތިހާބު އޮތް ދުވަސްވަރު ފެނަކައިގެ އެމްޑިއަކަށް ހުންނެވި މުއާޒް
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ފެނަކަ އޮޑިޓް: އެއްވެސް ޕްރޮޖެކްޓެއްނެތި މަޖިލިސް އިންތިހާބާ ދިމާކޮށް 1468 ވަޒީފާދިން
2024 ވަނަ އަހަރު ތެރޭގައި އިތުރު އެއްވެސް ޕްރޮޖެކްޓެއް ފަށާފައިނުވެ
ވަކިވި މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް 1،428 މުވައްޒަފުން ދާއިމީ ވަޒީފާތަކަށް ވައްދާފައިވެ
ރަސްމީ ވަޒީފާގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން 19.5 މިލިއަން ރުފިޔާ ދީފައިވޭ

2024 ވަނަ އަހަރު ފުރަތަމަ ކުއަޓަރ އާއި ދެވަނަ ކުއަޓަރ ގައި އެއްވެސް ޕްރޮޖެކްޓެއް ނެތި މަޖިލިސް އިންތިހާބާ ދިމާކޮށް ޖުމުލަ 1،468 ވަޒީފާ ދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްސަ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓު ބުނާގޮތުން، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއަޓަރ ގައި 869 މީހުންނާއި ދެވަނަ ކުއަޓަރގެ ތެރޭގައި 599 މީހުންނާއެކު ޖުމުލަ 1،468 މީހުން އަލަށް ކުންފުނީގެ ވަޒީފާތަކަށް ވައްދާފައިވާކަން ފާހަގަކުރެވޭ ކަމަށާއި އަދި އެދުވަސްވަރަކީ ރާއްޖޭގެ އާންމު އިންތިހާބުގެ ދުވަސްވަރުކަން ވަނީ ފަހަގަކޮށްފައެވެ.

އަދި އެ މުއްދަތަށް ބަލާއިރު 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 6 ޕްރޮޖެކްޓެއް އަލަށް ފެށި ނަމަވެސް 2024 ވަނަ އަހަރު ތެރޭގައި އިތުރު އެއްވެސް ޕްރޮޖެކްޓެއް ފަށާފައިނުވުމުން އިތުރު މުވައްޒަފުން ކުންފުންޏައް ވައްދާފައިވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވުމުގެ ސަބަބުން އިތުރު މަސައްކަތްތައް ހުރުމުން ކަމަށް ބެލެވެން ނެތްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެދުވަސްވަރު ކުންފުންޏައް އިތުރު މުވައްޒަފުން ވައްދާފައިވަނީ ހަމައެކަނި އިތުރު ވަޒީފާތައް އުފައްދައި ގިނަ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައިކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުންފުނީގެ އޮޕަރޭޝަނާއި ކުންފުނިން ކުރަންޖެހޭ މަސައްކަތުގެ ކުޑަބޮޑު މިނަށް ނުބަލއި ހަމައެކަނި ގިނަބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކުންފުންޏަށް މުވައްޒަފުން އިތުރުކުރުމުން ކުންފުންޏަށް ލިބޭ އާންމަދަނީއާއި ތެލާއި އިންޖީނުތަކުގެ ސްޕެއާރ ޕާރޓްސް ގަތުމަށް ކުރަންޖެހޭ ޚަރަދަށް ބަލާއިރު އެކަށީގެންވާ ވަރަށްވުރެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަށް ދިނުމަށް ކުރާ ހޭދަ ބޮޑުވާކަމަށްވަނީ އެރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށް ހުރަސްއެޅި ކުންފުނިން މުސާރައާއި އިނާޔަތްތަށް ދެމުންގެންދާ ގިނަ އަދަދެއްގެ މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތި ތިބުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ބުނެފައިވެއެވެ.

މިމަހުގެ 12 ވަނަ ދުވަހު އާންމުކުރި މި ރިޕޯޓުގައި ވާގުތުން، 2024 ވަނަ އަހަރުގެ ތެރޭގައި ކުންފުނީގެ ދާއިމީ ވަޒީފާތަކަށް އިތުރު މުވައްޒަފުން ނަގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން ކުންފުނީގެ ދާއިމީ ވަޒީފާތަކުން 2024 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ 800 މުވައްޒަފުން ވަކިވެފައިވާއިރު ވަކިވި މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް 1،428 މުވައްޒަފުން ދާއިމީ ވަޒީފާތަކަށް ވައްދާފައިވެއެވެ.

އޮޑިޓް ރިޕޯޓު ބުނާގުތުން ރިޔާސީ އިންތިހާބުގެ ފަހުން 2024 ގައި އިއުލާން ނުކޮށް 1،246 މީހުންނަށް ދާއިމީ ވަޒީފާ ދީފައިވެއެވެ. އަދި ފެނަކަ ކޯޕަރޭޝަނުން 646 މުވައްޒަފަކަށް އެ މީހުންގެ ރަސްމީ ވަޒީފާގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން 19.5 މިލިއަން ރުފިޔާ ދީފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުންވަނީ ފާހަގަ ކުރެވިފައެވެ.

- ކޮމެންޓް