ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 13:28
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
އަދާލަތު ޕާޓީ
ފަނޑިޔާރުކަމުން ވަކިކުރުން
ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ
ފަނޑިޔާރުގޭގެ މިނިވަންކަމަކީ ގާނޫނީ ވެރިކަމާއި އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މުހިންމު އެއް ރުކުން
ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވުމަކީ އަދުލު އިންސާފުން އެއްކިބާވެ އެބޭފުޅުންނަށް އަނިޔާވެރިވުމުގެ އަމަލެއް
އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މިފަދަ ގޮތަކަށް ވަކި ކުރުމަކީ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ، ފަނޑިޔާރުކަމުން ވަކި ކުރުމަކީ ރާއްޖޭގެ ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

14 މެއި 2025 ގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޣައިރު ގާނޫނީ ގޮތުން ވަކިކުރި މައްސަލައާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމާ ގުޅިގެން އަދާލަތު ޕާޓީން ބުނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ގާނޫނު އަސާސީ އާއި ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް މަގާމުން ވަކިކޮށްފައިވާތީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމަކީ ގާނޫނީ ވެރިކަމާއި އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މުހިންމު އެއް ރުކުންކަން ފާހަގަކޮށް އަދާލަތު ޕާޓީން ބުނީ މަހާޒު އަލީ ޒާހިރާއި ޑރ.އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރުމުގައި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަދުލުވެރިކަމާއެކު ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވުމަކީ ގާނޫނީ ވެރިކަމާ އަދުލު އިންސާފުން އެއްކިބާވެ އެބޭފުޅުންނަށް އަނިޔާވެރިވުމުގެ އަމަލެއް ކަމަށެވެ.

އެޕާޓީން ބުނީ، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މިފަދަ ގޮތަކަށް ވަކި ކުރުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެކަން ކަށަވަރު ކަމަށެވެ.

އަދާލަތު ޕާޓީން ވަނީ މި ނިންމުން އަލުން މުރާޖައާކޮށް ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ވެސް ގޮވާލާފައިވެއެވެ.

- ކޮމެންޓް