އެމެރިކާ އާއި ޤަތަރާ ދެމެދު 1.2 ޓްރިލިއަން ޑޮލަރުގެ އަގު ބޮޑު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި، އެ އެއްބަސްވުންތަކުގެ ތެރޭގައި 96 ބިލިއަން ޑޮލަރުގެ ބޮއިން މަތިންދާ ބޯޓު ގަތުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، މިއީ ބޮއިންގެ ތާރީޚުގައި ވެސް އެންމެ ބޮޑު އޯޑަރު ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޤަތަރުން 210 މަތިންދާ ބޯޓު ގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޤަތަރުގެ އަމީރު ޝައިޙް ތަމީމް ބިން ޙަމަދު އަލް ޘާނީ އާއެކު ޓްރަމްޕް ބޭއްވެވި މަޝްވަރާ ބައްދަލުވުން ގާތް ގަނޑަކަށް ދެ ގަޑިއިރުގެ ދިގު މިނަކަށް ދެމިގެން ދިޔަ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެ މަޝްވަރާ ތަކަށް ފަހު، ރަސްމީކޮށް ވަނީ އެއްބަސްވުންތަކުގައި ސޮއި ކޮށްފަ އެވެ.
އެމެރިކާ އާއި ޤަތަރާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ އެއްބަސްވުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެމްކިއު ނައިން ބީގެ ޑްރޯން ގަތުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން އެ އެއްބަސްވުންތަކުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ކައުންޓަމް ޓެކްނޮލޮޖީ އިންވެސްޓްމަންޓް އެއްބަސްވުމެއް ވެސް ހިމެނެ އެވެ. އަދި އެއް ބިލިއަން ޑޮލަރުގެ އެންޓި-ޑްރޯން ސިސްޓަމްތަކެއް ވިއްކުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ.
އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަަކަށް ވަޑައިގެންނެވި ފަހުން، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންގާރަ ދުވަހު ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފަ އެވެ. އެ ޤައުމާ އެކު ވެސް އެމެރިކާ އިން ވަނީ އަގު ބޮޑު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފަ އެވެ.
ސައުދީ އަށް ފަހު، ބުދަ ދުވަހު ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެންފަ އެވެ. ޤަތަރުން ވަނީ ޓްރަމްޕަށް ވަރަށް ފުރިހަމަ މަރުޙަބާއެއް ވެސް ދަންނަވައިފ އެވެ.
ޤަލްފު ސަރަހައްދަށް ޓްރަމްޕް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން، އެމެރިކާ އާއި ގަލްފުގެ ޤައުމުތަކާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް މާހިރުން ވަނީ ލަފާ ކޮށްފަ އެވެ.