މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ގާއިމްކުރި ''އޮޅުހިޔާ'' ފެސިލިޓީ ހިންގުމަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް މިނިސްޓަރު މާރިޔާ ވިދާޅުވީ ފެސިލިޓީ ހިންގުމުގެ ހަރަދު ނުލައި ވެސް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ފެސިލިޓީގައި 2000 ބުޅާ ގެންގުޅޭނަމަ، ކޮންމެ ބުޅަލަކަށް މަހެއްގެ މައްޗަށް ހަތްލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން. އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ.
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ![]()
އޮޅުހިޔާ ފެސިލިޓީގެ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންހުރިކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ފެބްރުއަރީ މަހު އެފެސިލިޓީއާ ހަވާލުވިއިރު، އެތަން ހުރީ ބުޅާތައް ގެންގޮސްގެން ބެލެހެއްޓޭނެ ގޮތަށް ނޫން ކަމަށެވެ.
ނަމަވެސް މިނިސްޓްރީ ހަވާލުވުމަށްފަހު، ގިނަ މަސައްކަތްތައް ކޮށް ފުރަތަމަ 16 ގަޑިއިރުގެ ތެރޭގައި، ފުރަތަމަ ބެޗްގައި 15 ބުޅާ ގޮސް ބަލަހައްޓަމުން ގެންދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އޮޅުހިޔާ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ގެންދިޔައީ އެތަން އަޅަން މާލެސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް ތާރީހު ހަމަވެގެންދިޔަ އިރުވެސް އެތަނުގެ މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި ނަމަވެސް، އެފެސިލިޓީ ސަރުކާރުން ނަގާފައިވަނީ ކައުންސިލުން ބަރާބަރަށް މަސައްކަތްތައް ކުރިއަށް ގެންދަނިކޮށްށެވެ. އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ކާމިޔާބީއެއް ގޮތުގައި ފާހަގަކުރުމުގެ ގޮތުންނެވެ.
މި މައްސަލައާ ގުޅިގެން މާލެސިޓީ ކައުންސިލުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.
ބުޅާ ބެލެހެއްޓުމަށް ތަރައްގީކޮށްފައިވާ "އޮޅުހިޔާ" ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް މަގުމަޗަށް މަރުވެ، މަގުތަށް ނަޖިސްކުރަން ދޫކޮށްލާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވެފައިވެއެވެ.
މާލެ ސިޓީ ކައުންސިލްގެ އަތުން ސަރުކާރުން ބުޅާ ފެސިލިޓީގެ ތަޅުދަނޑި އަތުލާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ މި ބުޅާ ފެސިލިޓީ އަކީ ފަސްހާސް އަކަފޫޓޫ ބޮޑު ފެސިލިޓީއެކެވެ. އެތަނުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭން ޖެހޭ ބޭސްތައް ބަހައްޓާނެ ފާމަސީއަކާއި އެ ބުޅާތަށް އުޅޭނެ ރަނގަޅު ފެންވަރެއްގެ ސަރަހައްދެއް ވެސް ކައުންސިލުން ވަނީ ތަރައްގީ ކޮށްފަ އެވެ.