ކ. މާލެ
|
14 މެއި 2025 | ބުދަ 11:06
ސައުދީ އަށް ވަޑައިގެން، އެ ޤައުމުގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އަރިހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސައުދީ އަށް ވަޑައިގެން، އެ ޤައުމުގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އަރިހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
އެމެރިކާ-ސައުދީ ގުޅުން
ޓްރަމްޕްގެ ތައުރީފު ސައުދީގެ ވަލީ އަޙުދަށް
ޓްރަމްޕާއި، މުޙައްމަދު ބިން ސަލްމާންއާ ދެމެދު އޮތް ގުޅުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެއީ ވަރަށް ރަނގަޅު އަދި ގާތް ގުޅުމެއް ކަމަށް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ވާހަކަ ދައްކަވައިފި އެވެ.

ޓްރަމްޕް މިފަދައިން ވާހަކަ ދައްކަވާފައި ވަނީ އަންގާރަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަށް ވަޑައިގެން، މުޙައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވަ އެވެ. 

ސައުދީގެ ވެރި ރަށް ރިޔާދުގައި އަންގާރަ ދުވަހު ޓްރަމްޕް ވަނީ މުޙައްމަދު ބިން ސަލްމާންއާ ރަސްމީ ގޮތުން ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ.

އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ، މުޙައްމަދު ބިން ސަލްމާން އަކީ ވަރަށް ވިސްނުންތެރި އަދި ޙިކުމަތްތެރި ބޭފުޅެއް ކަމަށެވެ. އަދި ޓްރަމްޕާއި، މުޙައްމަދު ބިން ސަލްމާންއާ ދެމެދު އޮތް ގުޅުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެއީ ވަރަށް ރަނގަޅު އަދި ގާތް ގުޅުމެއް ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ އެމެރިކާ އާއި ސައުދީ އަރަބިއްޔާ އިން، އިޤްތިސާދީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް ވަރަށް ބޮޑަށް އެހީތެރިވަމުން އަންނަ ކަމަށެވެ. އަދި ހަމަ އެހެންމެ، އެ ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް އިޙުތިރާމް ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ސައުދީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅެއް ކަމަށެވެ. 

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، ޓްރަމްޕްގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންފައި ވަނީ ސައުދީ އަށެވެ. މިއީ ހަތަރު ދުވަހުގެ މުއްދަތަަކަށް ޓްރަމްޕް ގަލްފު ސަރަހައްދަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ބުދަ ދުވަހު ޓްރަމްޕް ވަޑައިގަންނަވާނީ ޤަތަރަށެވެ. އަދި ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައިި ބުރާސްފަތި ދުވަހު ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށެވެ. 

- ކޮމެންޓް