މިހާރު ކުރިއަށްދާ ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ދިވެހި ރާއްޖެ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބަންގްލަދޭޝްއާ އެވެ. އެ މެޗުގައި ބަންގްލަދޭޝް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ރާއްޖެ ވަނީ ފަހަތުން އަރައި އެއްވަރު ކޮށްފަ އެވެ.
ބޫޓާންގެ ފުރަތަމަ މެޗުގައި ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. އެހެންކަމުން ބޫޓާނާ ދެކޮޅަށް ނިކުތްއިރު ވެސް، މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީ ފައިނަލްގެ ފުރުސަތު ހޯދެން ރާއްޖެ އަށް އޮތެވެ.
އިންޑިއާގައި ކުރިއަށް ދާ މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު ބޫޓާން އާއި ރާއްޖެ ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޫޓާން އިންނެވެ. ނަމަވެސް ރާއްޖެ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަަހައިގެން ލީޑު ވެސް ނަގައިފަ އެވެ. އެހެން ނަމަވެސް ފަހު ވަގުތުގައި ލަނޑު ޖަހައިގެން ބޫޓާން ވަނީ އެއްވަރު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ބޫޓާން އަށް ލީޑު ނަގައިދިނީ ލަމް ޓެންޒިން އެވެ. އެެހެން ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި، 75 ވަނަ މިނެޓުގައި އައިދު މުޙައްމަދު ޖަވީޒް ވަނީ ލަނޑު ޖަހައި ރާއްޖެ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރާއްޖެ އިން ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ އަޝްހަމް އިބްރާހީމް މުޙައްމަދު އެވެ. ނަމަވެސް އޭގެ ފަހުން ޗޮގްޔެލް ޝެރާބް ޖެހި ލަނޑުން ބޫޓާން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ނަތީޖާ އާއެކު މި ގުރޫޕުގެ އެއް ވަނައިގައި ސެމީ ފައިނަލްގެ ފުރުސަތު ހޯދީ ބަންގްލަދޭޝް އިންނެވެ. އެއީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ މެޗުން ދެ ޕޮއިންޓާ އެކު، ރާއްޖެ އިން ވަނީ ދެ ވަނައިގައި ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. އެއް ޕޮއިންޓާ އެކު ބޫޓާން ދިޔައީ ތިން ވަނަ އަށެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ބައްދަލު ކުރަން ޖެހޭނީ މުބާރާތް ބާއްވާ ޤައުމު އިންޑިއާ އަދި ނޭޕާލް ކުޅެގެން ބަލިވާ ޓީމަކާ އެވެ.