ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާން އަދި ބަންގްލަދޭޝް އާއެކު ދިވެހި ރާއްޖެ ގުރޫޕު އޭ ގައި ހިމެނިއްޖެ އެވެ.
މިއަހަރު އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ހަ ޤައުމަކުން ވާދަ ކުރާނެ އެވެ. އެއީ ބޫޓާން، ބަންގްލަދޭޝް، ރާއްޖެ، އިންޑިއާ، ނޭޕާލް އަދި ސްރީ ލަންކާ އެވެ. އިންޑިއާ، ނޭޕާލް އަދި ސްރީ ލަންކާ އޮތީ ގުރޫޕު ބީގަ އެވެ.
މިއަހަރުގެ މުބާރާތް އޮންނާނީ މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، 18 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ އަރުނާޗަލްގަ އެވެ.
އެންމެ ފަހުން މިދިޔަ އަހަރު ބާއްވާފައި ވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އެވެ. އެ މުބާރާތުގައި ރާއްޖެ އިން ވާދަކުރިއިރު، މުބާރާތް ނިންމާލަން ޖެހުނޫ ގުރޫޕު ސްޓޭޖުންނެވެ. އެ ފަހަރު ގުރޫޕު ސްޓޭޖުގައި ރާއްޖެ ކުޅުނީ އިންޑިއާ އަދި ބޫޓާންއާ ދެކޮޅަށެވެ.
ރާއްޖެ އިން ވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކޮށް ތިން ވަނަ ވެސް ހޯދައިފަ އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތުގަ އެވެ.