ކ. މާލެ
|
13 މެއި 2025 | އަންގާރަ 14:03
ރައީސް ޑޮނަލްޑް ޓްރަމްޕަށް ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ -  13 މެއި 2025
ރައީސް ޑޮނަލްޑް ޓްރަމްޕަށް ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ - 13 މެއި 2025
ގެޓީއިމޭޖަސް
އެމެރިކާ-ސައުދީ ގުޅުން
ޓްރަމްޕް ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި
ޓްރަމްޕްގެ މި ދަތުރުފުޅަކީ ގަލްފް ސަރަޙައްދަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ގަތަރަގެ އިތުރުން އެމިރޭޓްސް އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

ޓްރަމްޕް ރިޔާޟަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުޙައްމަދު ބިން ސަލްމާން އެވެ.

ޓްރަމްޕްގެ މި ދަތުރުފުޅަކީ ގަލްފް ސަރަޙައްދަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

ޓްރަމްޕްގެ އަރިހުގައި އެމެރިކާގެ މަޝްހޫރު ބައެއް ވިޔަފާރިވެރިން ބައިވެރިވާކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން ޓެސްލާގެ ސީއީއޯ އަދި ޓްރަމްޕްގެ މުޝީރު އީލޮން މަސްކް ފާހަގަ ކޮށްލެވެއެވެ. ޓްރަމްޕްގެ ދަތުރުފުޅުގެ އެންމެ މުހިންމު އެއް ކަމަކަށް އޮތީ ސައޫދީ-އެމެރިކާ އިންވެސްޓްމަންޓް ފޯރަމް ބޭއްވުމެވެ.

ސައުދީ އަށް ފަހު ޓްރަމްޕް ދެން ވަޑައިގަންނަވާނީ ބުދަ ދުވަހު ޤަޠަރަށެވެ. އަދި ބުރާސްފަތި ދުވަހު އެމިރޭޓްސް އަށް ވަޑައިގަންނަވާނެއެވެ.

ރަޝިޔާގެ ރައީސް ވުލޮޑިމިއަރ ޕުޓިން އަދި ޔުކްރެއިންގެ ރައީސް ވުލޮޑިމިރ ޒެލެންސްކީއާ ދެމެދު ސީދާ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ބުރާސްފަތި ދުވަހު ތުރުކީ އަށް ވަޑައިގަތުމުގެ ފުރުޞަތު އޮތް ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރަމްޕްގެ މި ދަތުރުފުޅުގެ ނަތީޖާ އެއްގެ ގޮތުން އެމެރިކާ، ސައޫދީ އަރަބިއްޔާ، ގަޠަރު އަދި އެމިރޭޓްސް އިން ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިޢުލާނުކުރުމުގެ ފުރުޞަތު އޮތް ކަމަށް ބެލެވެއެވެ.

ސައޫދީ އަރަބިއްޔާއިން ޖަނަވަރީ މަހު ވަނީ އެމެރިކާގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވެފައިވަނީ ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

މަސްކްގެ އިތުރުން، ބްލެކްރޮކްގެ ސީއީއޯ ލެރީ ފިންކް އަދި ސިޓީގްރޫޕްގެ ސީއީއޯ ޖޭން ފްރޭޒަރ ފަދަ ވިޔަފާރި ލީޑަރުން ޓްރަމްޕްގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްޓޭޓް ސެކްރެޓަރީ އަދި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ރައީސް ޓްރަމްޕް ގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރިޔާޟަށް ކުރައްވާ ޒިޔާރަތުގައި، ސައޫދީ އަރަބިއްޔާއަށް 100 ބިލިއަން ޑޮލަރަށްވުރެ މަތީގެ ހަތިޔާރުގެ ޕެކޭޖެއް ޓްރަމްޕް ހުށަހަޅުއްވާނެ ކަމަށް ބެލެވެއެވެ. ރޮއިޓަރސް އަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި މީގެ ތެރޭގައި ސީ-130 ހަނގުރާމަމަތީ މަތިންދާބޯޓު ފަދަ އެޑްވާންސްޑް ހަތިޔާރުތައް ހިމެނިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޓްރަމްޕްގެ ދެވަނަ އަދި ތިންވަނަ މަންޒިލް - ޤަޠަރު އަދި އެމިރޭޓްސް ގައި ވެސް އިޤްތިޞާދީ މައްސަލަތަކަށް އަލިއަޅުވާލާނެ ކަމަށް ބެލެވެއެވެ.

މި ދަތުރުފުޅުގައި ޤަޠަރުން ޓްރަމްޕަށް ބޮއިންގ 747-8 މަތިންދާބޯޓެއް ހަދިޔާކޮށްފާނެ ކަމަށް ބެލެވެއެވެ. މިއީ އެއަރ ފޯސް ވަން ގެ ގޮތުގައި ބޭނުންކުރުވިދާނެ ބޯޓެއް ކަމަށް ވެއެވެ. ޓްރަމްޕް މި މަތިންދާބޯޓު އެމަނިކުފާނުގެ ދައުރު ނިމުމަށްފަހު ބޭނުންކުރުމަށްޓަކައި އެމަނިކުފާނުގެ ރިޔާސީ ލައިބްރަރީ އަށް ހަދިޔާކުރައްވާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް