ކ. މާލެ
|
13 މެއި 2025 | އަންގާރަ 12:28
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ސީރިއާ-އެމެރިކާ
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމަށް ވިސްނަވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
މިހާރު އަޅާފައިވާ ދަތި ކުރުންތަކުގެ ސަބަބުން ސީރިއާ އަށް ކުރިއެރުމެއް ހޮދުމަށް ދަތިވާކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ސީރިއާ އަށް އެހީތެރިވެވޭނެ ގޮތެއް އޮތްތޯ އެމެރިކާ އިން ވެސް ބަލަމުން އަންނަ ކަމަށް.

ސީރިއާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމާ މެދު ވިސްނަވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ސީރިއާގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އެމެރިކާ އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ކުރުމަށް ސީރިއާ އަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ފިޔަވަޅު ތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ ނިޒާމުން ސީރިއާ ވަނީ އެކަހެރިވެފަ އެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމާ މެދު ވިސްނަމުން ގެންދަވާ ކަމަށާއި، އެކަން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭގެ ބޭނުމެއްގެ ގޮތުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ސީރިއާ އަަށް އައު ފެށުމެއް ހޯދައި ދިނުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ ގިނަ ފަރާތްތަކަކުން އަންނަނީ ވެސް އެކަމަށް އެދެމުން ކަމަށެވެ. 

މިހާރު އަޅާފައިވާ ދަތި ކުރުންތަކުގެ ސަބަބުން ސީރިއާ އަށް ކުރިއެރުމެއް ހޮދުމަށް ދަތިވާކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ސީރިއާ އަށް އެހީތެރިވެވޭނެ ގޮތެއް އޮތްތޯ އެމެރިކާ އިން ވެސް ބަލަމުން އަންނަ ކަމަށެވެ. 

އެމެރިކާ އިން އަޅާފައިވާ ދަތި ކުރުންތައް ލުއި ކުރުމަކީ، ސީރިއާގެ އިޤްތިސާދީ އަދި އިޖްތިމާއީ ޙާލަތު ރަނގަޅު ކުރުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް މާހިރުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އެކަން ފުރިހަމަ ކުރުމަށްޓަކައި ސީރިއާ އިން ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

ދާދި ފަހުން ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ވަނީ ފްރާންސް އަށް ވަޑައިގެން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ވެސް ބައްދަލު ކުރައްވާފަައި އެވެ. އަދި ސީރިއާއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން އިން އަޅާފައިވާ ފިޔަވަޅުތައް ނެގުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

އަލް ޝަރާއާ ބައްދަލު ކުރައްވައި ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ، ސީރިއާ އިން މިހާރު ކުރިއަށް ދަމުން އަންނަ މަގުގައި ދެމި ތިބެއްޖެ ނަމަ، ޔޫރަޕިއަން ޔޫނިއަންގެ ފިޔަވަޅުތައް މަޑު މަޑުން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމަށް އެމެރިކާ އަށް ވެސް ބާރު އަޅުއްވާނެ ކަަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް