އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްއާ ދެކޮޅަށް، އިންޓަނޭޝަނަލް ކްރިމިނިލް ކޯޓި (އައިސީސީ) އިން ނެރެފައިވާ އަމުރުތައް އަނބުރާ ގެންދިޔުމަށް އެ ޤައުމުން އެދިއްޖެ އެވެ.
އައިސީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔެ ކިޔުންތަކުން ދައްކާ ގޮތުގައި، އިސްރާއީލް އިން ވަނީ ފަލަސްޠީނުގެ ސަރަޙައްދުގައި ހިންގާފައިވާ ޖަރީމާތަކާ ގުޅޭ ތަހުގީގުތައް ވެސް ހުއްޓާލުމަށް އެދިފަ އެވެ.
އިސްރާއީލް އިން އައިސީސީ އަށް ހުށަހަޅާފައިވާ މި ލިޔެ ކިޔުންތަކުގައި ސޮއި ކޮށްފައި ވަނީ އެ ޤައުމުގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް ގިލަޑް ނޯމް އެވެ.
އައިސީސީ އިން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަަނަ ދުވަހު މި އަމުރު ނެރިފަ އެވެ. އެއީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން، ހަމާސް ގެ ކޮމާންޑަރު މުޙައްމަދު ދީފްއާ ދެކޮޅަށް ނެރެފައިވާ އަމުރެކެވެ.
ނަމަވެސް، މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި މުޙައްމަދު ދީފް މަރުވެފައިވާކަން ކަށަވަރުވުމާ އެކު، އައިސީސީ އިން ވަނީ އޭނާއާ ދެކޮޅަށް ނެރެފައިވާ އަމުުރު އަނބުރައި ގެނެސްފަ އެވެ.
އެ އަމުރާ ގުޅިގެން އިސްރާއީލް އިން ވަނީ އައިސީސީގެ އިހުތިސާސް ބަލައި ނުގަންނާނެ ކަމަށާއި، ޣައްޒާގައި ހަނގުރާާމައިގެ ކުށްތަކެއް ހިންގާފައި ނުވާނެ ކަމަށް ބުނެ، އެކަންކަމާ ދެކޮޅު ހަދައިފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އައިސީސީގެ އެޕީލްސް ޗެމްބަރުން ނިންމީ، އިސްރާއީލްގެ އިއުތިރާޒުތައް އަލުން މުރާޖާ ކުރުމަށެވެ.
މި މައްސަލައިގައި ގޮތެެއް ނިންމުއް އަމުރެއް ނެރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާއިރު، އިސްރާއީލުގެ އެދުމާ މެދު ގޮތެއް ނިންމުމަށް ނަގާނެ ވަގުތު މިވަގުތު އެނގެން ނެތެވެ.
އިސްރާއީލްގެ ބޮޑު ވަޒީރާ ދެކޮޅަށް އައިސީސީ އިން ނެރެފައިވާ އަމުރާ ގުޅިގެން، ގިނަ ޤައުމުތަކުން ވަނީ އޭނާ އެ ޤައުމަށް އެތެރެވެއްޖެ ނަމަ ހައްޔަރު ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.