ކ. މާލެ
|
13 މެއި 2025 | އަންގާރަ 12:26
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ރައްޔިތުންގެ މަޖިލިސް
ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު
ދަރިވަރުންނަށް ދިމާވާ ދަތިތަކާއި ޝާކުވާތަށް ބަލައިގަތުމަށް އެޕްލިކޭޝަނެއް ތައާރަފްކުރަނީ
"ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް" ގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފްކުރައްވާނީ
50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ކޮންމެ ގައުމަކަށް ވަކި ނަންބަރެއް ކަނޑައަޅުއްވާނެ

ބޭރުގެ ގައުމުތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެދަރިވަރުންގެ ޝަކުވާތަށް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް" ގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފްކުރައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު މަޖިލީސް ޖަލްސާއަށް ހާޒިރު ކުރައްވާ މެންބަރަކު ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސުވާލަށް ޖަވާބުދެއްވާ ހައިދަރު ވިދާޅުވީ ދަރިވަރުންގެ ޝަކުވާތަށް އަޑުއެހުމަށްޓަކައި ޒަމާނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި އަދި ތައާރަފްކުރާ އެޕްލިކޭޝަން އަންނަ އޮކްޓުބަރު މަހުގެ ކުރިން ތައާރަފްކުރަށްވާނެ ކަމަށެވެ.

އަޅުގަނޑުމެން އެބަ ތައާރަފު ކުރަން، އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް. އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް، ކޮމްޕްލެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން،

ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު

މީގެ އިތުރުން މޯބައިލް އެޕް ތައާރަފް ކުރުމުގެ ކުރިންވެސް ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ދަރިވަރުންގެ ޝާކުވާތަކަށް އެޓެންޑްވާން އެކަމަށް ޚާއްސަ ވަޓްސްއެޕް ނަންބަރުތަކެއް ކަނޑައަޅުއްވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ އެއްގައުމެއްގައި ތައުލީމު ހާސިލްކުރާ 50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ކޮންމެ ގައުމަކަށް ވަކި ނަންބަރެއް ކަނޑައަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާންމުގޮތެއްގައި ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަމެވެ. ލޯން ސްކީމްގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ނުލިބޭ މައްސަލަ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ސްޓުޑޭންޓެއްގެ ރިކުއެސްޓަކަށް އެސުވާލު ވަނީ ރައީސް އަށް ކުރަށްވާފައެވެ. އެހެންނަމަވެސް އެންމެ އެކަށިގެންވާ ޖަވާބެއް ލިބިފައެއްނުވެއެވެ.

އަދި ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކެއް އެހީއަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރުގެ ފެބްރުއަރީ މަހު ސިޓީއެއް ވެސް ފޮނުވާފައިވެއެވެ. އެ ސިޓީގައި ވަނީ، ސަރުކާރުން ޓޮޕް އަޕް ލޯނަށް ހުޅުވާނުލާ ކަމުގެ ކަންބޮޑުވުމާއި ކޯހުގެ މުއްދަތަށްވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެދަރިވަރުންގެ ކަނބުޑުވުމަށް އިޖާބަ ދެއްވާފައިވާނެކަމަށެވެ. އަދި ކުދިންނާ މިދިޔަ ހަފުތާގައި އޮންލައިންކޮށް ބައްދަލުކުރައްވައި، އެކުދިން ހިއްސާކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށްވެސް މިނިސްޓަރު މަޖިލޫހުގައި މިއަދުވަނީ ވިދާޅުވެފައެވެ.

ސްޓޫޑެބްޓް ލޯނުގެ ގޮތުގައި ކޮންމެ އަހަރަކު 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަ ކުރާއިރު އެފައިސާ ދަރިވަރުންނަށް ދޫކުރަނީ ހަމަހުން ހަމަހުންނެވެ.

- ކޮމެންޓް