މި ސަރުކާރުގެ ފުރަތަމަ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ފުލެޓު ލިބޭ ކަމަށް މި ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި އޮތް ނަމަވެސް ހައިދަރު އަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލި ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މީހެއް ނޫން ކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ނެރުނު ލިސްޓުގައި ވެސް ހައިދަރަށް ޝަރުތު ހަމަވާ ކަމަށް އޮތްކަމަށް މިހާރުގެ ހައުސިން މިނިސްޓަރ މުއްތަލިބް ފާހަގަކުރައްވާފައިވާ ކަމަށެވެ. އިބުރޭ ވަނީ ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓުގައި ހައިދަރުގެ ނަން ނުހިމެނޭކަން ހާމަކުރައްވާފައެވެ.
ހައިދަރު އަކީ ފްލެޓް ލިބުނު 4000 މީހުންގެ އިތުރުން ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ހިމެނުނު މީހެއް ކަމަށް އިބްރޭ ވަނީ ވިދާޅުވެފައެވެ. އެ މޭރުމުން ޝަރުތު ހަމަވި މީހުންގެ އަދަދު 15،751އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮން އުސޫލަކުންތޯ ޑރ. ހައިދަރުގެ ދެމަފިރިންނަށް ފުލެޓެއް ލިބޭ ކަމަށް ކަނޑައެޅުއްވީ. ޝަރުތު ހަމަވަނީ ހަމައެކަނި ޑރ. ހައިދަރުގެ ދެމަފިރިކަނބަލުންނެއް ނޫން. 15،571 ފަރާތުގެ ތެރެއިން ހަމައެކަނި ދެ ފަރާތެއްގެ ވާހަކަ މުއްތަލިބު ދެއްކެވީމަ އަޅުގަނޑު ވަރަށް ކަންބޮޑުވޭ.
އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު![]()
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ ހައިދަރަށް ފްލެޓް ދިނުމަށް ނިންމީ ކުރީ ސަރުކާރުން ކަމަށް ބުނެ މި ސަރުކާރުން ދައްކަނީ ތެދު ވާހަކަ އެއް ނޫންކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރ ހައިދަރުގެ ދެ ކަނބަލުންނަށް ފްލެޓް ލިބިފައި ނުވާނެ ކަމަށެވެ. އަދި 75 ޕޮއިންޓް ލިބުނު ނަމަވެސް ގުރުއަތުލީ މީހުންގެ ތެރޭގައި އެ ދެމަފިރިން ނުހިމެނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ހައިދަރު މިނިސްޓަރ ކަމަށް ވަޑައިގެން ވެސް ނުވާނެ ހައިދަރަށް ލިބިފަ އޮތިއްޔާ. އޭރު އެނގިވަޑައިނުގަންނަވާތޯ ލިބިވަޑައިގަތްކަން. ފްލެޓް ދޫކޮށްލަން ޖެހޭނެ ލިބުނު ނަމަ. އަނެއްކާ ކުރިން ލިބިފަ ނެތް އެއްޗެއް. ދެން ހަމަ މޮޅު ޓްވީޓެއް ކުރައްވާފަ މިނިސްޓަރުން ވެސް އެ ޓްވީޓް ރީޓްވީޓް ވެސް ކުރައްވަންވީ. ކުރިން ލިބިފަ ނުވެސް ނެތް އެއްޗެއް މިހާރު މުއިއްޒު ދެއްވީމަތޯ އެ ލިބުނީ. އެހެންވީމަ އެ ހިސާބުން ތިމަންނަ ވަކި ވެއްޖައީމޭ ވިދާޅުވި ނަމަ މާ ތާހިރުވީސް ނޫންތޯ؟
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން![]()
އޭނާ އަށް ފްލެޓް ލިބުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ފްލެޓް އޭނާ ވަނީ ދޫކޮށްލައްވާފައެވެ. އެގޮތުން އޭނާ ހުންނެވި ހައިސިއްޔަތުގެ ގޮތުން އޭނާ އާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓް ލިބިގަތުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވިއެވެ. އަދި ހައިދަރުގެ ދެމަފިރިކަނބަލުންނަށް ފްލެޓް ލިބުނު އިރު އެއަށް ވުރެ ހައްގުވާ މީހުންނަށް ފްލެޓް ނުލިބި ތިބަ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.