ޕައިލެޓް ޓްރެއިނިން ހެދުމަށް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ސީދާ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވަނީ ޕައިލެޓް ޓްރެއިނިން ކޯސް ފުރިހަމަ ކުރުމަށް ދާ ކުދިންނަށް ފްލައި ކުރުމަށް ޖާގަ ނުލިބޭތީ ކޯސް ނުނިމި ދިގުލައިގެން ދާކަން ފާހަގަކުރައްވާފައެވެ. އަދި އެ ދަރިވަރުންގެ ޝަކުވާ ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ނާހާތީ އެކަން މެމްބަރުންގެ ސަމާލުކަމަށް ގެންނަ ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ކުދިން ކުރާ މެއިލްތަކަށް ވެސް ޖަވާބު ނުދޭ ކަމަށް ސަމީރު ވަނީ ދަރިވަރުންނާއި ހަވާލާދީ ވިދާޅުވެފައެވެ.
ސަމީރު ވަނީ ދަރިވަރުންގެ މެއިލްތަކަށް މިނިސްޓްރީން ޖަވާބު ނުދެނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ޕައިލެޓް ޓްރެއިނިން ހަދާ ދަރިވަރުންގެ އަދަދާއި އެ ދަރިވަރުންނަށް ކުރާ ހޭދަ ސާފުކޮށްދިނުމަށް ސަމީރު ވަނީ ވަޒީރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
އެހެންނަމަވެސް އެ ދަރިވަރުންނަށް ދޭ ފައިސާގެ އަދަދު ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަލީ ހައިދަރު އަށް ސާފުކޮށެއް ނުދެވުނެވެ. މިނިސްޓަރ ހައިދަރު ވަނީ ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ އަދަދު ސާފު ނުވާ ކަމަށް ވަޒީރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. ނަމަވެސް އެތައް 100 ދަރިވަރުންނެއް ޕައިލެޓް ޓްރެއިނިން އަށް ކިޔަވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެންމެ ގިނަ މައްސަލަތައް ދިމާވަނީ ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ކަމަށާއި އެ ދަރިވަރުންނާއި ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު އޮންލައިންކޮށް ބައްދަލުކޮށްފައިވާނެ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ދަރިވަރުން ފާހަގަކުރި މައްސަލަތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ. ފްލައި ކުރާނެ ޖާގަ ނުލިބުމާއި މޫސުމަށް ދިމާވާ މައްސަލަތަކަކީ ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޕައިލެޓް ޓްރެއިނިން ހަދާ ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ބުނެ އެ ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކުން ދަނީ މީސްމީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ނުލިބި ބައެއް ދަރިވަރުންނަށް ކޯސް ނިމޭނެ ވަގުތެއް ސާފު ނުވެ ދިގު މުއްދަތެއް ހޭދަކުރަން ޖެހުމަކީ އެފަދަ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.
މީގެ އިތުރުން ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވުމުން ދަރިވަރުން ކުށްވެރިވާ ގޮތަށް ވަޒީރު ވާހަކަދައްކަވާ ކަމަށް ފާހަގަކުރައްވާ ބައެއް މެމްބަރުން އެ ކަންބޮޑުވުން ހިއްސާކުރެއްވިއެވެ. އަދި ދަރިވަރުންނާއި މެދު މިނިސްޓްރީން އަމަލުކުރާ ގޮތާއި މެދު ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.