ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ކުރާ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އިންޑިއާގެ ބާ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް (ލޯއޭޝިޔާ) އިން ވެސް ވަނީ ގޮވާލާފައެވެ. އަދި މިމައްސަލާގައި ކޮމަވެލްތު ލޯޔާސް އެސޯސިއޭޝަނުން ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންޑިއާގެ ބާ އެސޯސިއޭޝަނުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަކަމަށެވެ.
އިއްޔެ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމެޓީގައި ނިންމާފައިވަނީ ފަނޑިޔާރުންނަށް ދިފާއުފުވުމުގެ ފުރުސަތު ނުދީ، މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި އިޖުރާއީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އަޒްމިރަލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީއެވެ. އަދި އެކަމާއިގުޅިގެން ޖޭއެސްސީން ބުނީ ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މިމައްސަލާގައި ބާކައުންސިލުންވަނީ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ސިޓީއެއް ފޮނުވާފައެވެ. ބާ ކައުންސިލުން އެދުނީ، ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއިން ނިންމީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.
އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.