ކ. މާލެ
|
12 މެއި 2025 | ހޯމަ 10:12
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ރާއްޖެ-ސިންގަޕޫރު
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގާފައިނުވޭ: ރާއްޖޭގެ ފޮރިން މިނިސްޓްރީ
ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫން
ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް
މިނިސްޓްރީން މިހެން ބުނި ނަމަވެސް ބޭރުގެ މީޑިއާތަކުގައި ވެސް މި ޚަބަރު ޝާއިއުކޮށްފައިވޭ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް މިފަހަކުން އަންގާފައިވާ ނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައިވަނީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި، ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބޭރުގެ ބައެއް މީޑީއާތަކުގައި ވެސް ރިޕޯޓުކޮށްފައިވާއިރު، ފަތުރުވެރިކަމާއި، ޓްރެވަލް އިންޑަސްޓްރީގެ ގިނަ ޚަބަރުތައް ރިޕޯޓު ކުރަމުންދާ، ޓްރެވަލް ޓުއަރ ވޯލްޑްގައި ވެސް ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (އެމްއެފްއޭ) އާ ހަވާލާދީ 10 މެއި 2025 ގައި މި ރިޕޯޓު ގެނެސްދީފައިވެއެވެ.

އާދިއްތަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ޚަބަރު ޝާއިއު ކުރަމުންދާ ކަމަށެވެ. ނަމަވެސް ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން މިނިސްޓްރީއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް