ދެކުނު އޭޝިޔާގެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި، ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ހޮނިހިރު ދުވަހު ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (އެމްއެފްއޭ) އިން ދެކުނު އޭޝިޔާ ގައުމުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް މެނުވީ ނުކުރުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީއެއް ނެރިފައެވެ.
އެގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީ ލަންކާ، ނޭޕާލް، އަފްޣާނިސްތާން، ބޫޓާން އަދި މިޔަންމާ އެވެ.
މި ގައުމުތަކުގައި މުޒާހަރާތައް ކުރަމުންދާ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތު ގޯސްވެފައިވާކަން ފާހަގަކޮށް ބުނެފައިވަނީ އަސްކަރީ ގޮތުން ފިތުނަވެރިކަން އުފެދިފައިވާ ކަމަށާއި، ނުތަނަވަސްކަން ވަރަށް ބޮޑު ކަމަށެވެ. ވަަކިން ޚާއްސަކޮށް، ގައުމުތަކުގެ ބޯޑަރު ގުޅޭ ސަރަހައްދުތަކުގެ ހަމަނުޖެހުންތައް އިތުރު ކަމަށް ބުނެފައިވެއެވެ.
މިހާރު މި ގައުމުތަކުގައި ތިބި ސިންގަޕޫރުގެ ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށް، ފޮރިން މިނިސްޓްރީން ބުނީ ދަތުރުކުރުމުގައި ވެސް އެންމެފަހުގެ މައުލޫމާތު ހޯދައި، ކަމާގުޅުންހުރި އޮތޯރިޓީތަކުން ދީފައިވާ އިރުޝާތުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ ދަތުކުރާ މީހުން، އީ-ރެޖިސްޓާ ސިސްޓަމުގައި ރަޖިސްޓްރީ ކުރުމަށް އެދިފައެވެ. އެއީ ކުއްލި ހާލަތްތަކުގައި ވެސް މުއާމަލާތް ކުރުމަށް ފަސޭހަވާނެތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ޑިޕްލޮމެޓިކް މިޝަންތަކާ ގަވާއިދުން ގުޅުން ބަހައްޓައި، ސަރަހައްދީ ކަންކަމުގެ މައުލޫމާތު ހޯދުމަށް ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިންގަޕޫރުން ޓްރެވަލް އެޑްވައިޒަރީ ނެރިފައިވާއިރު، އިންޑިޔާ އަދި ޕާކިސްތާނުގެ މަސްރަހު ގޯސްވެ، ދެގައުމުން ހަމަލާތައް ބަދަލުކުރަމުންދާތީ، އެސަރަހައްދުން ކުރާ ދަތުރުތަކުގެ ރޫޓަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ބައިނަލްއަގުވާމީ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ކެންސަލްކޮށް، ފްލައިޓުތަކަށް ބުރޫއަރާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށް، މުޒާހަރާ ކުރަމުންދާކަން ފާހަގަކޮށްފައި މިވަނީ ހައްވާ ޔުމްނު ފުރާޅަށް ވެއްޓުނު މައްސަލައާ ގުޅިގެން ސިލްސިލާ ގޮތެއްގައި މާލޭގައި ޒުވާނުން ކުރަމުންދާ މުޒާހަރާ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ދެ ޒުވާނެއް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށް ހައްޔަރުވެސް ކޮށްފައިވެއެވެ. ފުލުހުން މިމައްސަލާގައި ވަރަށް ބޮޑަށް ދޮގު ހަދާފައިވާ ކަަމަށް ބުނެ، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.