ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 17:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
އިންޑިއާ-ޕާކިސްތާން ހަނގުރާމަ
ހަނގުރާމަ ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވާސިލުވެވުނީ ދެ ޤައުމުގެ ދެ މެދުގައި ކުރިއަށް ގެންދެވުނު ދިގު މަޝްވަރާތަކަށް ފަހު ކަމަށް.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު ކުރިއަަށް ދާ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ވިދާޅުވީ، ވަގުތުން ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. 

އެކަން އިއުލާން ކުރައްވައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވާސިލުވެވުނީ ދެ ޤައުމުގެ ދެ މެދުގައި ކުރިއަށް ގެންދެވުނު ދިގު މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދެވުނީ އެމެރިކާގެ މެދުވެރިކަމާ އެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވީ އިންޑިއާ އަދި ޕާކިސްތާނުން ވެސް ބުއްދިވެރިކަމާއި، ވިސްނުންތެރިކަން އިސް ކުރި ކަމަށްޓަކައި، ދެ ޤައުމަށް ވެސް މަރުޙަބާ ވިދާޅުވާ ކަމަށެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިންޑިއާ އަދި ޕާކިސްތާނުން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނެތެވެ. 

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަ ފެށުނީ، އިންޑިއާގެ ފަތުވެރިންތަކަަކަށް އަމާޒުކޮށް ޕާކިސްތާނުގައި ދެވުނު ހަމަލާއާ ގުޅިގެންނެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެކަމުގައި އެ ޤައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުން އެހެން ބުނި ނަމަވެސް، އިންޑިއާ އިން ބުނެފައި ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނުން ކަމަށެވެ. އަދި އެކަމުގެ ރައްދުގައި ހަމަލާ ދޭނެ ކަން އިއުލާން ކުރުމަށް ފަހު، އިންޑިއާ އިން ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ވެސް ދިނެވެ.

އިންޑިއާގެ ހަމަލާތަކަށް ފަހު، ޕާކިސްތާނުން ވެސް ވަނީ ރައްދުގައި ހަމަލާ ދޭނެ ކަމަށް ބުނެފަ އެވެ. އަދި ޕާކިސްތާނުން ވަނީ ހޮނިހިރު ދުވަހުގެ ފަތިހު ވެސް އިންޑިއާ އަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ.

- ކޮމެންޓް