މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓޮނޯއީގޭގެ 9 ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނުކަމަށް ބުނި ހާދިސާ ހިނގިރޭ ފެންޓޮނޯއީ ގޭގައި އިތުރު 4 މީހަކު ތިބިކަމަށް ޔުމްނުއާއި ހަވާލާދީ އޭނާގެ އާއިލާއިން ބުނުމުން، މިކަމާއި ގުޅިގެން ރާއްޖެޓީވީން ކުރި އެއްވެސް ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެއްވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ފުރަތަމަ ފަހަރަށް ޔުމްނުގެ ފަރާތުން މައުލޫމާތު ދިނުމަށް އޭނާގެ އާއިލާއިން ދިން އިންޓަރވިއުއެއްގައި ބުނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި ގުޅިގެން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ވަރެއްގެ ތަހްގީގެއް ކުރިއަށް ގެންގޮސްފައެއް ނުވާ ކަމަށެވެ. އާއިލާއިން ބުނީ ޔުމްނު ބުނެފައިވަނީ އެގެއަށް ކުރިންވެސް ގޮސްފައިވާ ކަމަށެވެ.
އަދި ޔުމްނު އަމިއްލައަށް ފުއްމާލީކަމަށް ފުލުހުން ބުނި ވާހަކަ ދޮގުކޮށް ޔުމްނުގެ އާއިލާއިން ބުނެފައިވަނީ އެފަދަ ކަމެއް އަމިއްލައަށް ނުކުރާކަމަށް ޔުމުނު ބުނި ކަމަށެވެ.
މިކަމާއި ގުޅިގެން ރާއްޖެޓީވީން، ފުލުހުންނަށް ދެންނެވި ސުވާލުތަކުގެ ތެރޭގައި، މަސްތުވާ ތަކެއްޗާއި އެކު ޕާޓީ ކުރި ކަމަށް އަދި ވަނަވަރު އާންމު ކުރި ޔައްސަރު ހުރި ކަމަށް ޔުމްނު ބުނެފައިވާ ކަމަށާާއި، އެގޭގެ 7 އަދި 9 ފަންގިފިލާގައި ހުރި ސީސީޓީވީ ފުޓޭޖްގައި ޔައްސަރު އެއްވެސް ވަރަކަށް ފެނޭތޯއާއި އަދި އެބުނާ ހަތަރު މީހުން ފެނޭތޯ އެވެ. އަދި ފުލުހުންނަށް އެގޭގެ ސީސީޓީވީ ލިބިފައިވަނީ ހާދިސާ ހިނގި ވަގުތު އެކަނިތޯއާއި މައްސަލައާއި ގުޅިގެން ޔުމްނުގެ އާއިލާއާއި އިތުރު ސުވާލު ނުކުރާ ކަމަށް އާއިލާއިން ބުނާ ބުނުމަކީ ދެތެއްތޯ ކަމަށެވެ.
މިކަމާއި ގުޅިގެން ޔައްސަރުއާއި ބެހޭ ގޮތުން ކޮށްފައިވާ އެއްވެސް ސުވާލަކަށް ޖަވާބުދީފައެއް ނުވެއެވެ. އަދި ސީސީޓީވީ ފުޓޭޖް އަދި ދެން ތިބި ހަތަރު މީހުންނާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް މީޑިއާއާއި ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
އަދި އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާ އާއި ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ނުލިބޭ ކަމަށާއި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާ އާއި ސުވާލުކުރަން ބޭނުންވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގަށްވާތީ ފުލުހުން މިހާރުވެސް ދަނީ ހައްވާ ޔުމްނު ރަޝީދުގެ ބަހެއް މިކަމުގައި ލިބޭތޯ ކަމަށާއި ނަމަވެސް އެކަށީގެންވާ ވަރުގެ އެއްބާރުލުމެއް އާއިލާގެ ފަރާތުން ލިބިފައިވާ ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ.