ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަތަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަތައް އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށާއި މިކަމުގެ ސަބަބުން ގައުމުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށް ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ.
އަހުމަދު ފަޔާޒް (ޕާޕާ) މިފަދައިން ވިދާޅުވީ ރާއްޖެ ޓީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ ކޮން ސަބަބަބާ ހުރެތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޣައްސާން މައުމޫން ވިދާޅުވީ ދިވެހި ރާއްޖެ އިން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް މިއަދާ ހަމައަށް ވެސް ހާމަކޮށްފައި ނުވަނީ، އެ އެއްބަސްވުން ތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނޭތީ ކަމަށެވެ.
ޣައްސާން ވިދާޅުވީ އެ އެއްބަސްވުންތަކަކީ ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނޭތީ އެއްބަސްވުން ހާމަ ނުކުރެވި އޮތީ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ހުރި ކަންބޮޑުވާކަންކަން ބަދަލުކުރުމުގެ މައްސައްކަތް ހައިލެވެލް ކޮމިޓީއެއްގައި އަދިވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޣައްސާން މިހެން ވިދާޅުވީއިރު، މިދިޔަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގައި ހުރި ކަންބޮޑުވާކަންކަން މިހާރު ހުރީ ބަދަލުކޮށް ނިމިފައި ކަމަށެވެ. އަދި އެއްބަސްވުންތައް ހާމަ ނުކުރެވި އޮތީ މިނިސްޓަރުވެސް އެ ވިދާޅުވިފަދައިން އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނޭތީ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މިވާހަކަތަކަށް ރައްދުދެއްވައި ފަޔާޒް ވިދާޅުވީ އެ އެއްބަސްވުމުގައި ހުރި ހުރިހާކަމެއް ބަދަލުކޮށް ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު މުޅި ގައުމާ މުޚާތަބުކޮށް ހުރިހާ ރައްޔިތުންނަށް ވެސް އަޑުވިވޭ ގޮތަށް ހުރިހާ މީޑިއާތަކެއްގެ ކުރިމަތީގައި ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް ޖެހިގެން އައި ދުވަހު ޑިފެންސްމިނިސްޓަރ ޣައްސާން މައުމޫން އެ ޕްރޮސެސް އަދިވެސް ކުރިއަށް ދާކަމަށް ވިދާޅުވެފައިވާ ކަމަށް ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ މި ދެބޭފުޅުންގެ ވާހަތަކަށް ބަލާއިރު، މި ދެބޭފުޅުން ދެއްކެވި އެއްވެސް ވާހަކައެއް ދިމާނުވާކަމަށާއި މިކަމުން ދޭހަވެގެން ދިއައީ ޑިފެންސް މިނިސްޓަރ ގެންގުޅުއްވާ ޕޮލިސީއާއި ރައީސް މުއިއްޒު ގެންގުޅުއްވާ ޕޮލިސީ އެއްގޮތަކަށް ވެސް ދިމާނުވާކަން ކަމަށެވެ.
މިހާރު މީގެ އެންމެ ބޮޑު މައްސަލައަކީ، ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކައަކާ ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިސީއަކާ ޑިފެންސް މިނިސްޓަރ އެ ދައްކާ ވާހަކައަކާ ނުވަތަ އެ ބޭފުޅާ އެ ގެންގުޅުއްވާ ޕޮލިސީއަކާ ދިމައެއް ނުވޭ. އެކަން މި ފާހަގަވެގެން މި ދިއައީ ރައްޔިތުންގެ މަޖިލީޙުގައި ދެއްކެވި ވާހަކައިން
ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ)![]()
ފަޔާޒް އިތުރަށް ވިދާޅުވީ ޑިފެންސް މިނިސްޓަރ ޣައްސާން ރައްޔިތުންނަށް އޮޅޭގޮތަށް ދައްކަވާ މިފަދަ ވާހަތަކުން ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.
2023ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް މުޢިއްޒު އާއި މިނިސްޓަރު ޣައްސާން ހިމެނި ވަޑައިގަންނަވާހެން، އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ އިންޑިއާ އެއްބަސްވުންތަކުގެ ވާހަކަ އެވެ.
އެ އެއްބަސްވުންތަކުގައި ސިއްރު ކަންކަން ހިމަނާފައިވާ ކަމަށާއި، އޭރުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކަންކަން އޮޅުވާ ލައްވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އަދި ވެރިކަަމަށް އާދެވިއްޖެ ނަމަ، އެ ހުރިހާ އެއްބަސްވުންތަކެއް ވެސް ހާމަ ކުރައްވާނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް ސިއްރު ކުރާނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި، އަދި އެފަދަ ކަމެއް ނުބާއްވާނެ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.