ކ. މާލެ
|
7 މެއި 2025 | ބުދަ 10:58
އިސްރާއީލުން ޣައްޒާގެ ސްކޫލަށް ދިން ހަމަލާއާ ގުޅިގެން، އެ ސަރަހައްދުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ
އިސްރާއީލުން ޣައްޒާގެ ސްކޫލަށް ދިން ހަމަލާއާ ގުޅިގެން، އެ ސަރަހައްދުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ
ރޮއިޓަރސް
ޣައްޒާ
ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާގައި 31 މީހަކު ޝަހީދު ވެއްޖެ
އިސްރާއީލް އިން ހަމަލާ ދީފައި ވަނީ، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދީ، އެމީހުންނަށް ހިމާޔަތްތެރިކަން ދެމުން ދިޔަ ސްކޫލަކަށް.

އިސްރާއީލް އިން ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް ދިން ހަަމަލާއެއްގައި 31 މީހަކު ޝަހީދުވެފައިވާ ކަމަށް، ސިވިލް ޑިފެންސް އިން ހާމަކޮށްފި އެވެ.

ބުދަ ދުވަހު ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލް އިން ހަމަލާ ދީފައި ވަނީ، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދީ، އެމީހުންނަށް ހިމާޔަތްތެރިކަން ދެމުން ދިޔަ ސްކޫލަކަށެވެ. 

އެ ހަމަލާގައި 31 މީހަކު ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށް ވެސް ސިވިލް ޑިފެންސް އިން ވަނީ ހާމަކޮށްފަ އެވެ. އެއީ ޣައްޒާގެ މެދު ތެރޭގައި އޮންނަ ބްރެއިޖު ރެފިއުޖީ ކޭމްޕުގައި ހުރި ސްކޫލެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ހަމަލާ ދިން އެ ސްކޫލަކީ ހަމާސްގެ ކޮމާންޑު އަދި ކޮންޓްރޯލް ސެންޓަރެއް ކަމަށެވެ. އަދި އެ ތަނުގައި ހަތިޔާރު ރައްކާ ކުރަމުން ދިޔަ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. 

އިސްރާއީލް އިން މި ހަމަލާ ދީފައިވާއިރު، ޣައްޒާގައި އިތުރު ހަނގުރާމައެއް ފަށައި، ހަނގުރާމަ ފުޅާ ކުރަން އިސްރާއީލް އިން ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އެތައް ބަޔަކު ޝަހީދުވެފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމުވެފަ އެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން މުޅި ޣައްޒާ ވަނީ ފުނޑު ފުނޑުވެފަ އެވެ.

ހަނގުރާމައިގެ އިތުރުން، މިހާރު އިސްރާއީލް އިން އަންނަނީ ޣައްޒާ ބޭނުންވާ އިންސާނީ އެހީ ވެއްދުމަށް ވެސް ހުރަސް އަޅަމުންނެވެ. އިސްރާއީލް އިން ބުނެފައިވާ ގޮތުގައި މި ދަތި ކުރުމުގެ ބޭނުމަކީ، ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލްގެ ރަހީނުން ދޫކޮށްލަން ބާރު އެޅުމެވެ.

- ކޮމެންޓް