ވިމްބަލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ކަޕްގެ ފައިނަލްގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އިނގިރޭސި ޔުއެފާ ބީ ކޯޗު ޢަލީ ވަޙީދު (ބަލަކް) އިރުޝާދު ދެމުން އަންނަ އޭއެފްސީ ސައުތު ލަންޑަން އާއި ވިމްބަލްޑަން ސްޕޯޓިން ކުލަބު ވާދަ ކުރާ ފޯރިގަދަ މެޗު އަންނަ ހޮނިހިރު ދުވަހު ލަންޑަންގެ ކާޝަލްޓަން ސްޓޭޑިއަމް ގައި އޮންނާނެ އެވެ.
ރާއްޖެ ގަޑިން އިރުއޮއްސި ހަ ގަޑި ތިރީހު ގައި ފަށާ ފައިނަލް މެޗުގެ ޓިކެޓް ކާޝަލްޓަން ސްޓޭޑިއަމުން 100 ރުފިޔާ އަށް ލިބެ އެވެ.
މި މެޗާ ގުޅޭ ގޮތުން ލަންޑަންގައި ހުރެ ފޯނުން "ރާއްޖެ އެމްވީ" އަށް ބަލަކް ބުނީ، އިދިކޮޅު ޓީމު އަތުން މިސީޒަނުގައި އަދި އޭއެފްސީ ސައުތު ލަންޑަން މޮޅުވެފައި ނެތުމުން، ކަރުދާހު ގައި މޮޅު އޮތީ އެޓީމު އަތުގައި ކަމަށެވެ.
އެހެން ނަމަވެސް، ފައިނަލަށް ނިކުންނާނީ މޮޅުވުމުގެ ހިތްވަރާއި އަޒުމާ އެކު ކަމަށާއި، މާތް ﷲ އިރާދަ ކުރެއްވިއްޔާ ފައިނަލު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ބަލަކް އަށް މިސީޒަނަކީ އޭނާގެ ކޯޗިން ކެރިއަރުގައި ކާމިޔާބު ސީޒަނެކެވެ. އިނގިރޭސި ގްރާސްރޫޓްސް ބޮބް ޑިކްސަން ލީގު ވަން އޭނާ ކާމިޔާބު ކޮށްފައި ވަނީ މުޅި ލީގުގެ އެންމެ ރަނގަޅު އެޓޭކިން އަދި ޑިފެންސިވް ނަތީޖާއާ އެކުގަ އެވެ.
ބަލަކް އަކީ ފުޓުބޯޅައިގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އޭނާގެ ޗެއަރމަންކަމުގެ ދަށުން 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ހަދާފައިވާ ރެކޯޑު، މިއަދާ ހަމަޔަށް އަދި އެއްވެސް ބައަކަށް މުގުރާލެވިފައި ނުވެ އެވެ.