އެޓޯލްސް ފުޓުބޯޅަ ކުލަބުގެ ހެޑް ކޯޗުގެ މަޤާމަށް އަލީ ވަޙީދު (ބަލަކް) ހަމަޖައްސައިފި އެވެ.
މުޅިން އަލަށް ރާއްޖޭގެ ފުޓުބޯޅައިގެ ތެރެއަށް ނިކުންނަން މަސައްކަތް ކުރަމުން އަންނަ އެޓޯލްސް އެފްސީގެ ކޯޗަކަށް އަލީ ވަޙީދު ހަމަޖެއްސިކަން އެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެޓޯލްސް އެފްސީ ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އަލީ ވަޙީދު އިސްވެ ހުންނަވާ އުފެއްދެވި އެޓޯލްސް އެފްސީން ވަނީ ގިނަ ލަނޑުދަނޑިތަކެއް ޙާސިލް ކުރުމަށް އަމާޒު ހިފައިފަ އެވެ. އަލީ ވަޙީދުގެ އެސިސްޓެންޓުގެ ގޮތުގައި މަސައްކަތް ކުރާނީ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު އަޙުމަދު ނިޔާޒް (ނިޔައްޓޭ) އެވެ.
އެޓޯލްސް އެފްސީގެ ފުރަތަމަ އެއް އަހަރު ދުވަހުގެ އަމާޒަކީ، ބައިނަލްއަޤުވާމީ ނެޓުވޯކެއްގައި ކުލަބު ހިމެނުމެވެ. ކުލަބުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އެޓޯލްސް އެފްސީގެ ވިޔުގަ ޤާއިމު ކުރުމަށް ބަލަކް ވަނީ އަމާޒު ހިފައިފަ އެވެ. އެއަށްފަހު، ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޗެމްޕިއަނުންނަށް އެޓޯލްސް އެފްސީ ހަދަން ބޭނުންވާއިރު، ދިހަ އަހަރު ދުވަހުގެ ތެރޭގައި ބޭނުންވަނީ އޭއެފްސީ ކަޕް ކާމިޔާބު ކުރުމަށެވެ. އޭގެ ފަހުން ފަނަރަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ޕްރޮފެޝަނަލް ޤައުމީ ޓީމެއް އެކުލަވާލުމަށް އަމާޒު ކަނޑައަޅައިފައިވެ އެވެ. ކުލަބަށް ވިހަ އަހަރު ވެގެންދާއިރު، އަމާޒު ހިފާފައި ވަނީ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާނެ ފެންވަރުގެ ފުޓުބޯޅަ ޖީލެއް ބިނާ ކުރުމަށެވެ.
އިނގިރޭސި ވިލާތުގައި ހުންނެވި ދުވަސްވަރު އިނގިރޭސި އެފްއޭއިން ހޮވާ ސީޒަން އެވޯޑްތަކުގެ ތެރެއިން ސައުތު ލަންޑަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަލީ ވަޙީދު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ލަންޑަނާއެކު އޭނާ ވަނީ ލަންޑަނުގެ ޑިސްޓްރިކްޓް ލީގުގެ ސެންޗަނަރީ ކަޕް ކާމިޔާބުކޮށްފަ އެވެ.
އަލީ ވަހީދަކީ ދިވެހި ފުޓުބޯޅަ އަށް މީގެ ކުރިން ވެސް ފަރިތަ މީހެކެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މެނޭޖަރު ކަމަށާއި، ޤައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަން އޭނާ ވަނީ އަދާކޮޮށްފަ އެވެ. އެއަށްފަހު، ނިއުގެ ޗެއާމަންކަމާ ހަވާލުވީއިރު، އޭނާގެ ޗެއާމަން ކަމުގައި ނިއު އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ހަތަރު އަހަރުގެ ތެރޭގައި ނިއު އިން ވަނީ ޖުމުލަ 13 ތައްޓެއް އޭރު ކާމިޔާބުކޮށްފަ އެވެ. ފުޓުބޯޅައިގެ މަސައްކަތަކަށް ފަހު މިފަހުން އަލީ ވަޙީދު އުޅުނީ ސިޔާސީ މަސައްކަތުގަ އެވެ. އެގޮތުން މި ސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރުގެ މަގާމު އޭނާ ވަނީ އަދާކުރައްވައިފަ އެވެ. އެ މަގާމުގައި ހުންނަވާ އޭނާ ވަނީ ވަގުތީ ގޮތުން ކުޅިވަރު ވުޒާރާ ހިންގުމާ ވެސް ހަވާލުވެ ވަޑައިގެންފަ އެވެ.