އިސްރާއީލުން ޣަައްޒާގައި ހިންގަމުން އަންނަ ބަނޑުހައި ހޫނު ކަމުގެ ހަނގުރާމަ ކުރިއަށްދާ ހިނދަކު، އިސްރާއީލާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ މާނައެއް ނެތް ކަމަށް ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބައްސާމް ނައީމް ވިދާޅުވެއްޖެ އެވެ.
އިސްރާއީލް އިން ޣައްޒާ އަށް ބޭނުންވާ އެހީތެރިކަން ވެއްދުމަށް ހުރަސް އަޅަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، އެކަން ހުއްޓުވައި ދިނުމަށް އޭނާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމައު އަށް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ޣައްޒާގައި މިވަގުތު ހިނގަމުން އަންނަ ބަނޑުހައި ހޫނު ކަމުގެ ހަނގުރާމަ ނިމުމަކަށް ނާންނަ ހިނދެއްގައި، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އިސްރާއީލާ އެކު ކުރިއަށް ގެންދިޔުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ ބަނޑުހައި ކަމާއި، ފެނުގެ ދަތިކަމާއި، އަދި މީހުން މެރުން ހުއްޓުވައި ދިނުން އެދި ޕްރެޝަރު ކުރުމަށް ވެސް ބައިނަލްއަޤުވާމީ މުޖުތަމަ އަށް ގޮވާލައްވާފައި އެވެ.
ހަމާސް އިން މިފަދައިން ވާހަކަ ދައްކާފައި މި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާކޮށް، ހަމާސް މުޅިން ބަލި ކުރަން އައު ހަނގުރާމައެއް ފަށާނެ ކަމަށް އިސްރާއީލުން ބުނެފައި ވަނިކޮށެވެ.