ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބާ ކައުންސިލުން އެދިއްޖެއެވެ.
ބާ ކައުންސިލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވާހާ ހިނދަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކި ކުރުމުގެ މައްސަލައެއް ޖޭއެސްސީއިން މަޖިލީހަށް ހުށަހަޅާފައިވާއިރު، ފަނޑިޔާރުން ސުލޫކީ މިންގަނޑާ ހިލާފުވެފައިވޭތޯ މަޖިލީހުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބާ ކައުންސިލުން އެދިފައި ވާ ބައެއް ކަންކަމުގެ ތެރޭގައި ޖޭއެސްސީ އިން އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރުމާއި ޖޭއެސްސީ އިން ފާހަގަކޮށްފައިވާ ކަންކަމަކީ ތުހުމަތުވާ ފަނޑިޔާރުންގެ ހައްގުތައް ކަށަވަރުކޮށްދީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން ކަށަވަރު ކުރުމުގއ އިތުރުން ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުންފަދަ ކަންކަމެވެ.
ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާއާ ދެކޮޅަށް މައްސަލަތަކެއް ބައްލަވާ ކަމަށް ބުނެ، އެ ދެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ އޭރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލައިގެ ޝަރީއަތެއް ފަށަން ކުޑަތަންވެފައި ވަނިކޮށެވެ.
އެ ދެ ފަނޑިޔާރުންނާ އެކު، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަލްއުސްތާޛް ޙުސްނު ސުއޫދު ވެސް ސަސްޕެންޑު ކުރެއްވި އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުދާ ދެއްވާފައި އެވެ.