މަސްވެރިކަމުގެ ސިނާއަތް 2024 ވަނަ އަހަރު ބޮޑު ބޮޑުތަނުން ދަށަށް ގޮސް ފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މަސްވެރިކަމުގެ ސިނާއަތް 2023 ވަނަ އަހަރު 3.6 އިންސައްތައިގެ ކުރިއެރުމެއް ފެނުނު ނަމަވެސް، 2024 ގައި މި ދާއިރާ ވަނީ 48.4 އިންސައްތަ ދަށަށް ގޮސްފައިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ މަސް ޕްރޮސެސްކުރާ ކުންފުނިތަކުން މަސް ގަތުމުގައި ވެސް ވަނީ ބޮޑު ދަށްވުމެއް އައިސްފައެވެ. 2024 ގައި މަސް ގަތް މިންވަރު 45 އިންސައްތަ ދަށްވެ، ޖުމްލަ 53.2 ހާސް މެޓްރިކް ޓަނަށްވަނީ ދަށަށް ގޮސްފައެވެ. މީގެ ތެރެއިން ކަޅުބިލަމަސް ގަތް މިންވަރު 49 އިންސައްތަ (38.9 ހާސް މެޓްރިކް ޓަން) އަދި ރީނދޫއުރަހަ ކަންނެލި ގަތް މިންވަރު 24 އިންސައްތަ (3.9 ހާސް މެޓްރިކް ޓަން) ދަށްވެފައިވެއެވެ.
މަސް ގަންނަ އަގުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފިނިކުރި ކަޅުބިލަމަހުގެ އަގު ކިލޯއަކަށް 19.7 ރުފިޔާ އިން 18.4 ރުފިޔާއަށް، އަދި ފިނިކުރި ކަޅުބިލަމަހުގެ އަގު 17.7 ރުފިޔާއިން 16.4 ރުފިޔާ އަށް ދަށްވެފައިވެއެވެ. ރީނދޫއުރަހަ ކަންނެލީގެ އަގުވެސް ކިލޯއަކަށް 65.5 ރުފިޔާއިން 60.7 ރުފިޔާއަށް ދަށްވެފައިވެއެވެ.
މަސް ޕްރޮސެސް ކުރެވުނު މިންވަރު ފާހަގަ ކުރެވޭ މިންވަރަށް ދަށްވެފައިވާ އިރު، ރާއްޖެއިން މަސް އެކްސްޕޯޓު ކުރެވުނުމިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މަސް ބޭރު ކުރި މިންވަރު 49 އިންސައްތަ (38،716މެޓްރިކް ޓަނު) ދަށްވެފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. 2024 ވަނަ އަހަރު ރާއްޖޭއިން ބޭރުކޮށްފައިވަނީ ޖުމްލަ 40.1 ހާސް މެޓްރިކް ޓަނުގެ މަހެވެ.
ފިނިކުރި ކަޅުބިލަ މަސް ރާއްޖެއިން ބޭރު ކުރި މިންވަރު 59 އިންސައްތަ ދަށްވެފައިވެއެވެ. ދަޅު މަސް ބޭރު ކުރި މިންވަރު 53 އިން ސައްތަ ދަށަށް ގޮސްފައިވާ އިރު، ފިނިކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު 38 އިން ސައްތަ ވަނީ ދަށްވެފައެވެ.