ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާލް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރާ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.
އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާ އެޖެންޑާކޮށްފައިވަނީ ހެނދުނު 9 ޖަހާއިރުއެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ. މައްސަލަ ފޮނުވާނީ ޖުޑިޝަރީ ކޮމިޓީއަށެވެ.
ރައީސް ބޭނުންފުޅުވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހަޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން އާދީއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ.
ޖޭއެސްސީން މި މައްސަލަ ބެލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު އަލީ އަބްދުލަތީފާ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު، އަދި ރައީސްގެ މެންބަރު ޔަޒްމީދު މުހައްމަދެވެ.
އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން ނިންމާފައިވަނީ 17 އެޕްރީލް ވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ކޮމިޓީން މިގޮތަށް ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގައި ކަމަށް މައުލޫމާތުލިބިފައިވެ އެވެ.
މިރިޕޯޓަށް ޖަވާބުދާރިވުމަށް ފަނޑިޔާރުންނަށް ފޮނުވުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ފަނޑިޔާރުން ވަކިކުރުމުގައި ފަހު ގޮތެއް ކޮމިޝަނުން ނިންމާނީ، ފަނޑިޔާރުން ރިޕޯޓަށް ޖަވާބުދާރީވުމުން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. ނަމަވެސް މައްސަލަ ބަލަމުން ދިޔައިރުވެސް އަޒްމިރަލްދާގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދިފާއީ ހެއްކެއް ބަލައިގަނެފައިނުވެއެވެ. އަދި މައްސަލަ ނިންމުމުގައި ވެސް އަޒްމިރަލްދާގެ ފަރާތުން ހުށަހަޅާފައިވަ ހެއްކަކަށް ރިއާޔަތްކޮށްފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްދާ ވަކިކުރެވެން އޮތް ގޮތަކަށް އޭނާ ވަކިކުރުމަށް ރައީސް ވަނީ ތަހުގީގުކުރާ ކޮމިޓީއަށް އަންގަވާފައެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔައީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންނެވެ. މި ކޮމިޓީއަށް އަޒްމިރަލްދާ އަދި މަހާޒާއި ދެކޮޅަށް އެއްވެސް މީހަކު ބަޔާންވެސް ދީފައިނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.
އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ޖޭއެސްސީން މިހާރު ބަލަމުން އަންނަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައެވެ.
ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.