ކ. މާލެ
|
4 މެއި 2025 | އާދީއްތަ 17:36
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (ވ) އަދި މަހާޒު އަލީ ޒާހިރު (ކ)
ރާއްޖެއެމްވީ
އަޒްމިރާލްދާ އާއި މަހާޒް
އަޒްމިރާލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީއިން ނިންމައިފި
ޖޭއެސްސީން މިގޮތަށް ނިންމުމުން ދެން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްފަހު، ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ވާނީ މަޖިލީހުން ފާސްކުރުން

ރައީސް ބޭނުންފުޅުވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހަޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން ފާސްކޮށްފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމުމުން ދެން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްފަހު، ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ވާނީ މަޖިލީހުން ފާސްކުރުންނެއެވެ.

ޖޭއެސްސީ އޮތީ ރައީސް މުއިއްޒުގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަދައްކަވާފައިވާއިރު، ޖޭއެސްސީގައި ތިއްބެވި މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އަކީ ރައީސް މުއިއްޒު އައްޔަން ކުރެއްވި ދެ މެމްބަރުންނެއެވެ.

އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން ނިންމާފައިވަނީ 17 އެޕްރީލްވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ކޮމިޓީން މިގޮތަށް ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާއާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގައި ކަމަށް މައުލޫމާތުލިބިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްދާ ވަކިކުރެވެން އޮތް ގޮތަކަށް އޭނާ ވަކިކުރުމަށް ރައީސް ވަނީ ތަހުގީގުކުރާ ކޮމިޓީއަށް އަންގާފައެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންނެވެ. މި ކޮމިޓީއަށް އަޒްމިރަލްދާ އަދި މަހާޒާއި ދެކޮޅަށް އެއްވެސް މީހަކު ބަޔާންވެސް ދީފައިނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.

އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

- ކޮމެންޓް