ޔުކްރެއިން އަށް ބޭނުންވާ ވައިގެ ދިފާއީ ނިޒާމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޕޯޕް ފްރާންސިސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީ އާއި ޓްރަމްޕް ވަނީ ވެޓިކަންގައި ބައްދަލު ކުރައްވާފައި އެވެ.
ޒެލެންސްކީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ބައްދަލުވުމުގައި ދިފާއީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން، ރަޝިޔާ ހަނގުރާމައާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެ ބައްްދަލުވުމަކީ ޒެލެންސްކީ އާއި ޓްރަމްޕް މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ބައްދަލުވުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޓްރަމްޕާއި ޒެލެންސްކީގެ ބައްދަލުވުމުގައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ 30 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައި އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގެ ތެރޭގައި ދެ ޤައުމުގެ ދެ މެދުގައި ސޮއި ކުރެވުނު މައުދަނީ އެއްބަސްވުމުގެ މަޝްވަރާ ވެސް، އެ ބައްދަލުވުމުގައި ކޮށްފައިވެ އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، ވައިގެ ދިފާއީ ސިސްޓަމްތައް ހޯދުމަކީ ޔުކްރެއިން އިން އެންމެ އިސްކަން ދެމުން އަންނަ ކަންތަކެވެ. އަދި އެކަމުގައި އެހީތެރިކަން ދެއްވުމަށް ޓްރަމްޕް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ތިން ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، 30 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.