އިސްރާއީލް އިން ޣައްޒާގެ ޚާން ޔުނިސް އަށް ދިން ހަމަލާއެއްގައި 11 މީހަކު ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފި އެވެ.
ހޮނިހިރު ދުވަހު ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވި ގޮތުގައި ހަމަލާތަކުގައި 11 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އަހަރު ނުފުރޭ ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލް އިން ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހުގެ ފަތިހު ތިނެއް ޖެހިއިރު އެވެ. އަދި އެ ހަމަލާ އަމާޒު ކޮށްފައި ވަނީ އަލް ބައިރަމް އާއިލާ އަށް ކަމަށް ވެސް ބުނެފައިވެ އެވެ. ޝަހީދުވީ މީހުންގެ ތެރެއިން އަށް މީހުންނަކީ އެ އާއިލާ އަށް ނިސްބަތްވާ މީހުން ކަމަށް ވަނީ ހާމަކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެއް އަހަރު ނުވާ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއްގެ އިތުރުން، އެއް މަހުގެ ތުއްތު ކުއްޖެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ އެ ހަމަލާ ދީފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް، އެ ހަމަލާ އަމާޒު ކޮށްފައި ވަނީ ހަމާސްގެ ޓެރަރިސްޓު މެމްބަރަކަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މިއަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ދިނުމަށް އިސްރާއީލް އިން ފެށި ފަހުން، މިހާތަނަށް 2396 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެވެ. މިއާއެކު މި ހަނގުރާމައިގައި މިހާތަނަށް ޝަހީދުވީ މީހުންގެ އަދަދު 52،495 އަށް އަރާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަމަލާތައް ދިނުމުގެ އިތުރުން އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އެހީ ވެއްދުމަށް ވެސް ދަތިކޮށްފަ އެވެ. އެކަމާ ގުޅިގެން އދ އިން ވަނީ އެކަން ނިންމުމަކަށް ގެެނެސް، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ވެއްދުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ.
އަދި އެކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށާއި، ބަނޑުހައި ހޫނު ކަމުގެ ނުރައްކާ ވެސް ބޮޑުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.