ކ. މާލެ
|
4 މެއި 2025 | އާދީއްތަ 09:15
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ފަހަތުން އަރައި މޮޅުވެ، ބާސެލޯނާ އިން ލީޑު ހިފަހައްޓައިފި
މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 34 މެޗުން 79 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 72 ޕޮއިންޓެވެ.

ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލްގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވަޔަޑޮލިޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ވަޔަޑޮލިޑުންނެވެ. ނަމަވެސް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ވަޔަޑޮލިޑުން ވަނީ ބާސެލޯނާ ކޮޅަަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިވާން ސަންޗޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ރައުލްް މޮރޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ލަނޑު ޖެހުމަށް ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި، ރަފީނިއާ ޖެހި ލަނޑުން ބާސެލޯނާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑު ނެގީ ފާމިން ލޮޕޭޒް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން ލޮޕޭޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެރާޑް މާޓިން އެވެ.

ބާސެލޯނާގެ މުހިންމު ބައެއް ކުޅުންތެރިން މިވަގުތު ތިބީ އަނިޔާގަ އެވެ. އެހެންވެ މި މެޗުގައި ބާސެލޯނާ އިން ވަނީ އެ ޓީމުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 34 މެޗުން 79 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 72 ޕޮއިންޓެވެ.

ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް