ކ. މާލެ
|
2 މެއި 2025 | ހުކުރު 19:17
ދުލެއް ނުކުރާނަން މުޒާހަރާ
ދުލެއް ނުކުރާނަން މުޒާހަރާ
ޓްވިޓަރ
މުޒާހަރާކުރުން
ހެންވޭރު ޕޮލިސް ކައިރި މުޒާހަރާ ނުކުރެވޭ ގޮތަށް ސަރުކާރުން ކަނޑައަޅައިފި
މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ހަތަރު ތަނެއް ވަނީ ކަނޑައަޅާފައި

ހައްވާ ޔުމްނު ރަޝީދަށް އިންސާފް ހޯދުމަށް ކުރިއަށްގެންދާ 'ދުލެއް ނުކުރާނަން' އިހްތިޖާޖްއަށް ބުރާސްފަތި ދުވަހުގޭ ފުލުހުން ހުރަސް އަޅައި އެއްވުން ރޫޅާފައިވާއިރު، ދެން ސާރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ސަރަހައްދުގައި މުޒާހަރާ ނުކުރެވޭ ގޮތަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުކުރު ދުވަހު ކުރި އިއުލާނެއްގައި ވަނީ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށެވެ.

ޤާނޫނު ނަންބަރ: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ކަމަށާއި މި މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ހަތަރު ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތަކަކީ ހެންވޭރު ކާނިވާ ސަރަހައްދު، ރަސްފަންނު ސަރަހައްދު، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އަދި އުސްފަސްގަނޑު ސަރަހައްދު އެވެ.

ބުރާސްފަތި ދުވަހުގޭ ކުރިއަށްދިޔަ އެއްވުން ރޫޅާ ލުމަށްފަހު ފުލުހުން ބުނެފައިވަނީ އެއްވުން ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު، މަޖީދީ މަގުގައި ދުއްވާ އުޅަނދުފަހަރަށް އެމަގު ބަންދުވާ ގޮތަށް ބައެއް ޒުވާނުން ހިންގަމުން ގެންދާ އިހްތިޖާޖުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާ ކަމަށެވެ.

މިިއިހްތިޖާޖުގައި، މަޖީދީމަގު ފަދަ މުހިއްމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް، މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުންފަދަ އާންމު މަސްލަހަތަށް ފުށުއަރާ ކަންތައްތައް ކުރަމުން ގެންދިއުމާއި ގުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

"ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސުލްޙަވެރިކަމާއި އެކު މަޖީދީމަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް ޕެޕަރސްޕްރޭ ޖަހައި އަނިޔާކޮށްފައިވެއެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުންގެ ހައްޔަރަށް ގެންދިޔައީ މުޒާހަރާގެ ކަންކަން އިސްކޮށް ރާވާ ހިންގާ ޝިމޮން އަދި އަބްދުﷲ މަޙްޒޫމް މާޖިދު އެވެ. މިދެމީހުންގެ ބަންދަށް މިހާރު ވަނީ 3 ދުވަސް ޖަލާފައެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނަށް ކުރިން އެންގުމަކާއި ނުލައި މިގޮތަށް ވަނުމުން ގިނަ ބަޔަކު ދަނީ ފުލުހުންގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

- ކޮމެންޓް