ކ. މާލެ
|
2 މެއި 2025 | ހުކުރު 17:57
ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ، ލީޑަރޝިޕް އެންޑް ރިސިލިއެންސް ރިސަރޗް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ، ލީޑަރޝިޕް އެންޑް ރިސިލިއެންސް ރިސަރޗް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
އެމްއެންޔޫ
ކުރީގެ ރައީސް، މުހައްމަދު ނަޝީދު
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ބާއްވަމުންއަންނަ މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފަ
ހައްގުތަކުގެ ދިފާއުގައި ޒުވާނުން ވަކާލާތުކުރުމަކީ ލިބޭ ހިތްވަރެއްކަމަށް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ދެ ޒުވާނުން މިނިވަން ކުުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު މިފަދައިން ގޮވާލައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދަނިކޮށް ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކޮށްފައި ވަނީ ސިލްސިލާކޮށް ކުރަމުން އަންނަ އެ މުޒާހަރާތަކުގައި އިސް ދައުރެއް އަދާ ކުރާ އުމުުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދު، އާއި އުމުުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދު އެވެ.

ޔުމްނުއަށް އިންސާފު ހޯދުމަށް "ދުލެއް ނުކުރާނަން" ގެ ނަމުގައި ޒުވާނުން އެއްވެ، ކުރިއަށް ގެންދާ މުޒާހަރާތައް ބާއްވަމުން އަންނަނީ މަޖީދީ މަގު، ހެންވޭރު ޕޮލިސް ހުންނަ ސަރަހައްދުގަ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ކޮންމެ ރެއެއްގެ ވެސް 8 އިން 12 އަށް މުޒާހަރާތައް ކުރިއަށް ގެންދެ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާއިން ޝިމަން އާއި މަހްޒޫމް ފުލުހުން ހައްޔަރު ކުރީ ބާރުގެ ބޭނުން ކޮށްގެންނެވެ.

މިކަން ފާހަގަކުރައްވައި ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާއިން އެ ދެ ޒުވާނުން ހައްޔަރު ކުރީ އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރަމުންދަނިކޮށް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ، ހައްގުތަކުގެ ދިފާއުގައިި ތެދުވެ ޒުވާނުން ވަކާލާތު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި އަދި މުޒާހަރާ ކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ އަދި އެކަމަށް ބާރު އަޅާ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާއިން ހައްޔަރު ކުރި ދެ މީހުން ދޫކޮށްލަން ނަޝީދުގެ އިތުރުން ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ވެސް ވަނީ ގޮވާލައިފަ އެވެ. އަދި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައިވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ، މާލޭގެ މަގުތަކަށް ނުކުމެ ޒުވާނުން މުޒާހަރާ ކުރަން ފެށީ ޔުމްނުގެ މައްސަލައިގައި ފުލުހުން އެތަކެއް ދޮގެއް ހަދައި އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.

ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު އުޅުނު އުމުުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް، ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

- ކޮމެންޓް