ޒުވާނުންގެ މުޒާހަރާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ދެ މީީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން، ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މަޙްޒޫމް ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސުލްޙަވެރިކަމާއި އެކު މަޖީދީމަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް ޕެޕަރސްޕްރޭ ޖަހައި އަނިޔާކޮށްފައިވެއެވެ.
ޝިމަން އަދި މަޙްޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ސުލްހަވެރިކަމާއި އެކު މުޒާހަރާކުރަމުން ދަނިކޮށް ފުލުހުން އެމީހުންނާއި ދިމާލަށް އައިސް ހަމަނުޖެހުން އުފައްދަން މަސައްކަތް އެހަމަނުޖެހުމުގެ ތެރޭގައެވެ.
ނަމަވެސް އެއްވެސް މަންޒަރަކުންވެސް މި ދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަންމަންތެރިކަން ދެއްކި މަންޒަރެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މަޙްޒޫމް ހައްޔަރަށް ގެންދިޔަ ވަގުތު ބިންމައްޗަށް ވައްޓާލާ ގަމީސްވެސް ވީދާލާ މަންޒަރު ފެނެއެވެ. ޝިމަން އަދި މަޙްޒޫމް ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބަކާއި ނުލައިކަން މަންޒަރުތަކުން ފެނެ އެވެ. މަޙްޒޫމްއަކީ ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށް މިގެންދާ ދުލެއް ނުކުރާނަން ހަރަކާތުގެ އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލެއްވެސްމެ އެވެ. އޭނާ ހައްޔަރަށް ގެންދިޔައީ ބިންމައްޗަށް ވައްޓާލުމަށްފަހު ބިޑި އަޅުވައިގެންނެ އެވެ.
އަދި ޝިމަން ހައްޔަރަށް ގެންދިޔައީ ފުލުހުންގެ ބާރުގެ ބޭނުންކޮށްގެންނެއެވެ. އެވަގުތު އަނިޔާވާ ކަމަށް ޝިމަން ބުނަމުންދާ މަންޒަރުވެސް ފެނެއެވެ.
ޝިމަން އަދި މަހްޒޫމް ވަގުތުން ދޫކޮށްލުމަށް ގޮވާލާ މާލޭގެ އެކި މަގުތަކުގައި އަޑު އުފުލާފައިވެއެވެ.