މޭޑޭ ނުވަތަ ލޭބަރ ޑޭ ނުވަތަ ވޯކާސް ޑޭ އަކީ 1886 ވަނަ އަހަރު އެމެރިކާގެ ޗިކާގޯގައި މަސައްކަތްތެރިން ކުރި ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން އުފަންވި ދުވަހެކެވެ. މިދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަންފެށީ 1889 ވަނަ އަހަރު ކަމުގައި ވިޔަސް ދިވެހިންނަށް މޭޑޭ އިނގުނީ ދާދި މިދާކަށް ދުވަހު އެވެ. 2011 ވަނަ އަހަރުގައެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ތެރޭގައެވެ.
2011 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ކޮންމެ އަހަރެއްގެ 1 މެއި ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ރާއްޖޭގައި ރަސްމީކޮށް މޭޑޭ ފާހަގަކުރަން ފެށި ފެށުމަކީ މަސައްކަތްތެރިންގެ ހައްގުގައި ރާއްޖޭގެ ސަރުކާރަކުން ވިޔަސް ސިޔާސީ ޕާޓީއަކުން ވިޔަސް ކުރި އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އެއް މަސައްކަތެއެވެ. މިދުވަހުން ފެށިގެން މިއަދާއި ހަމައަށް މިވީ 14 އަހަރުގެ ތެރޭގައި ރާއްޖޭގައި ދެ ޕާޓީއަކުން ފަސް ރައީސަކު ވެރިކަން ކުރައްވާފައިވާއިރު، މަސައްކަތްތެރިންގެ ހައްގުގައި ކުރިއްޔާ ކުރި މަސައްކަތެއް ކޮށްފައި އޮތީ އެމްޑީޕީ އިސްވެ އޮވެ، އުފެއްދި ސަރުކާރެއްގައި ނުވަތަ އެމްޑީޕީގެ ރައީސަކު ރައީސްކަން ކުރެއްވި ސަރުކާރެއްގައި ކަމާއި މެދަކު، ޝައްކެއް ނެތެއެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީ އުފެއްދުން ކަމުގައި ވިޔަސް، ލޭބަރ ޓްރައިބިއުނަލް އުފެއްދެވުން ކަމުގައި ވިޔަސް، މިނިމަމް ވޭޖް ކަނޑައެޅުން ކަމުގައި ވިޔަސް، ޤާނޫނަކުން ސަރވިސް ޗާޖް ކަށަވަރު ކުރުން ކަމުގައި ވިޔަސް، ވިހެއުމުން އަންހެނުންނަށް ލިބޭ 6 މަސް ދުވަސް ކަމުގައި ވިޔަސް، ފިރިހީމާއަށް ލިބޭ 1 މަސް ދުވަހުގެ ޕެޓާރނިޓީ ލީވް ކަމުގައި ވިޔަސް، ޤާނޫނަކުން މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުން ކަމުގައި ވިޔަސް، މިއިން ހަމަ ކޮންމެ ކަމެއް ކޮށްދީފައި އޮތީ އެމްޑީޕީގެ ސަރުކާރުތަކުންނެއެވެ.
ލޭބަރ ޔޫނިއަންތައް އުފެދި އު ޔޫނިއަންތަކުން އެ ޕްރޮފެޝަންއެއްގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކޮށް އިހްތިޖާޖްކޮށް މުޒާހަރާކޮށް، އުޅުމުގެ ފުރިހަމަ މިނިވަން ކަމާއި، ހައްގު ކަށަވަރުކޮށްދީ އެފުރުޞަތު ފުރިހަމައަށް ހޯދައިދިނީވެސް އެމްޑީޕީން ކަމާއި މެދު ޝައްކެއް ނެތެއެވެ.
ވީއިރު، މަސައްކަތްތެރިންގެ ހައްގޭ، މިނިވަންކަމޭ، މިނިވަން ވޭޖޭ ވަޒީފާގެ ރައްކާތެރިކަމޭ ކިޔައިގެން އެހެން މީހުންނަށް، ޖަދަލުކުރަން ނުކުމެވޭނެ އެހެން ސިޔާސީ ޕާޓީއެއް ރާއްޖޭގައި އެބަ އޮތްތޯއެވެ.
ޤަބޫލުފުޅުކުރައްވާށެއެވެ. އިޚްލާސްތެރިކަމަކީ ހެޔޮ ނިޔަތް އޮތުމަކީ ބޭކާރު ވާހަކަ ދެއްކުމެއް ނޫނެއެވެ. ހުސް ވައުދު ވުމެއްވެސް ނޫނެއެވެ. ރައްޔިތުންގެ ބޮލަށް އެކި ވަރުގެ ޗިޕް ޖެހުމެއްވެސް ނޫނެއެވެ. ރަނގަޅު ހުރިހާ ކަމެއްގެ ކްރެޑިޓް ނަގައި ނުރަނގަޅު ހުރިހާ ކަމެއް އެހެން މީހުންގެ ބޮލަށް ކަނޑާލުމެއްވެސް ނޫނެއެވެ. އެކަމަކު އިޚްލާސްތެރިކަމަކީ ކަމެއް ކޮށްދިނުމެއެވެ. ކޮށްދިން ކަމެއް ފެންނާން އޮތުމެއެވެ. އޭގެ ސަބަބުން ބަޔަކަށް ހަގީގީ ފާއިދާ ވުމެއެވެ. ރައްކާތެރިކަން ލިބުމެއެވެ.
މަސަކަތްތެރިންގެ ހައްގުގައި ހަގީގީ މަސައްކަތެއް ކޮށްދިން ބަޔަކީ އެމްޑީޕީއޭ މީހުން ބުނެ އުޅެނީ އެހެންވެގެންނެއެވެ.