ކ. މާލެ
|
1 މެއި 2025 | ބުރާސްފަތި 17:10
މަސައްކަތްތެރިންގެ ހައްގުގައި ބާއްވަމުން އަންނަ ރެލީ އަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ބެރިކޭޑް ޖަހައިގެން
މަސައްކަތްތެރިންގެ ހައްގުގައި ބާއްވަމުން އަންނަ ރެލީ އަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ބެރިކޭޑް ޖަހައިގެން
ރާއްޖެއެމްވީ
މޭޑޭ ހިނގާލުން
މަސައްކަތްތެރިންގެ ރެލީ އަށް ފުލުހުން ހުރަސް އަޅައިފި
ހިނގާލުމުގައި ބައިވެރި ވަމުން އަންނަ ޔޫނިއަން ތަކުގެ ތެރޭގައި ޓެކްސީ ޑްރައިވަރުންގެ ޔޫނިއަންގެ އިތުރު، ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަން ފަދަ ޔޫނިއަންތައް ހިމެނޭ.

މަސައްކަތްތެރިންގެ ޙައްޤުގައި މާލޭގައި ބާއްވަމުން އަންނަ ހިނގާލުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުރަސް އަޅައިފި އެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ ޚާއްސަ ރެލީއެއް ކުރިއަށް ގެންގޮސްފަ އެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުން ފަށައިގެން، މަޖީދީ މަގުން ގޮސް، އާޓިފިޝަލް ބީޗުން ނިންމާ ގޮތަށް ހިނގާލުން އޮތީ އިންތިޒާމު ކޮށްފަ އެވެ. ނަމަވެސް ފުލުުންގެ ފަރާތުން ވަނީ ހިނގާލުމަށް ހުރަސް އެޅުމުގެ ގޮތުން މަޖީދީ މަގު ވަކި ހިސާބަކުން ބަންދުކޮށް، މަޖީދީ މަގަށް ނުވަދެވޭ ގޮތް ވަނީ ހަދާފަ އެވެ.

މަޖީދީމަގުން ހިނގާލުން ކުރިއަށްގެންދެވޭނެ ކަމަށް ބުނެ ފުލުހުން ކުރިން ހުއްދަ ދިނުމަށްފަހު އެންމެ ފަހު ވަގުތު ވަނީ އެ ހުއްދަ ބާތިލްކޮށްފަ އެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރެލީ، އަމީނީމަގުން ކުރިއަށް ގެންދިއުމުގެ ހުއްދަ އެކަން އިންތިޒާމް ކުރާ ފަރާތްތަކަށް ވާނީ ދީފައި ކަމަށާއި އަދި ރެލީއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމަށް މަގުފަހިކޮށްދޭނެކަންވެސް އެފަރާތަށް ވާނީ އަންގާފައި ކަމަށެވެ.

ނަމަވެސް ރެލީ އިންތިޒާމް ކުރި ފަރާތުން ބުނެފައިވަނީ ސުލްޙަވެރިކަމާއި އެކު ރެލީ އިންތިޒާމް ކުރެވިފައިވާ ގޮތަށް އެކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އެކި ދާއިރާތަކުން ރާއްޖޭގައި ހިންގަމުން އަންނަ ޔޫނިއަންތަކުން ބައިވެރިވެފައިވާ މި ހިނގާލުމުގައި ގޮވާލަމުން ދަނީ މަސައްކަތްތެރިންގެ އެންމެހާ ހައްގުތައް ރައްކާތެރިކޮށް، ކަށަވަރު ކޮށްދިނުމަށެވެ.

ހިނގާލުމުގައި ބައިވެރި ވަމުން އަންނަ ޔޫނިއަން ތަކުގެ ތެރޭގައި ޓެކްސީ ޑްރައިވަރުންގެ ޔޫނިއަންގެ އިތުރު، ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަން ފަދަ ޔޫނިއަންތައް ހިމެނެ އެވެ.

މީގެ ކުރިން ވެސް އެ ހިނގާލުން އިންތިޒާމު ކުރާ ފަރާތުން ބުނެފައި ވަނީ، އެއީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލައި ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ.

ނަމަވެސް ފުލުހުންގެ ފަރާތުން އެ ސުލްހަވެރި ހިނގާލުމަށް ހުރަސްއެޅުމާ ގުޅިގެން، ހިނގާލުމުގެ ބައިވެރިން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

- ކޮމެންޓް