މި ސަރުކާރުގައި އާސާރީ ބިނާތައް ވީރާނާވަމުންދާ ކަމަށާއި، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައިއާލާ ނުކުރެވޭނެ ކަމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ރާއްޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ޔުމްނާ ވިދާޅުވީ ޒަމާނުއްސުރެ ގައުމިއްޔަތު ދިރުވާއާލާ ކުރުމަށް އެކި ފެންވަރުގައި މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެކި ސަރުކާރުތަކުން އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ދިވެހިބަހާއި ތާރީހަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުގައި ގާތްގަނޑަކަށް 10 ވަރަކަށް އަހަރު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ އެންމެ އިސްކަންދީގެން ކުރި މަސައްކަތަކީ ގައުމިއްޔަތު ވަރުގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
މި ސަރުކާރުން ގައިމިއްޔަތުގެ ވާހަކަތައް މާގިނައިން ދެއްކި ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް ގައުމިއްޔަތަށް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫން ފުރަތަމަ ހަވާލުވެވަޑައިގެން އޭރު ކަޅުވަކަރު މިސްކިތް ނީލަން ކިޔާފައިވަނިކޮށް ކަޅުވަކަރު މިސްކިތް އަނބުރާ ގެންނެވީ. ތާނަ އަކުރު ލެޓިން އަކުރަށް ބަދަލުކޮށްފައިއޮއްވާ ތާނަ އަކުރު އަނބުރާ ގެންނެވި. މިވެސް ގައުމިއްޔަތުގެ ބައިބައި ތެދެއްތޯ. ރައީސް މައުމޫން އޭރު އުފެއްދެވި ބަހާއި އަދަބިއްޔާތުގެ ގައުމީ މަޖިލީހެއް. ތާރީހާއި ސަގާފަތުގެ ގައުމީ މަޖިލީހެއް އެންމެ ފުރަތަމަ އުފެއްދެވީ. އޭގެފަހުން ދިވެހިބަހާ ތާރީހަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒެއް އުފައްދަވާގެން. އަޅުގަނޑު ގަބޫލުކުރީ އެއީ ގައުމިއްޔަތު ދިރިވުމުގެ މަސައްކަތް ތެދެއްތޯ ހަގީގަތުގައި އެކުރެވުނީ. އެއީ ދިވެހި ބަސް ކުރިއެރުވުމާއި، ތާރީހު ދިރާސާ ކުރުމާއި، އާސާރީ ބިނާތައް ރައްކާތެރި ކުރުމާއި، ހަމަ ގައުމިއްޔަތު ވަރުގަދަ ކުރުމުގެ މަސައްކަތް ތެދެއްތޯ.
ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން![]()
ގައުމިއްޔަތު ދިރިއުވުމަށް ކުރެވޭ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޔުމްނާ ވިދާޅުވީ މިކަންކަމަށް ކުދިންނާއި ޒުވާނުން ޝައުގުވެރިވާ ގޮތަށް ކިޔައިދިނުން ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ޕްރެޒެންޓޭޝަނެއް އަޅުވައިގެން ކްލާސްރޫމެއްގައި ކުދިންނާއި، ޒުވާނުން ބައިތިއްބައިގެން ކިޔަވައިދިނުމުން އެކަމަށް ޝައުގުވެރިނުވާނެ ކަމަށާއި، ވަރަށް ފޫހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އަމަލީ މައިދާނަށް ނެރި، އާސާރީ ބިނާތަކާއި، ތަންތަނަށް ގެންގޮސް، ދިވެހިންގެ ދިރިއުޅުން ޝައުގުވެރިވާނެ ގޮތަށް ކިޔައިދިނުމުން މާ ބޮޑަށް ޝައުގުވެރިވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ދިވެހި ތާރީހު ފޮތްތަކުން ފެނުމުގެ އިތުރުން، ޓީވީ ޕްރޮގްރާމް، ޑޮކިއުމެންޓްރީ، ގޭމްތައް އަދި ފިލްމުތަކުން ވެސް ފެންނަންޖެހޭ ކަމަށެވެ.
އަޅުގަނޑުމެން މަސައްކަތް ކުރީ މި އާސާރީ ބައި ބިނާ ތައް އާބާތުރަ ފިލުވައި ރައްކާތެރިކޮށް އެތަންތަނަށް ސްކޫލު ކުދިން ގެންދިއުން. ވަރަށް ގިނަ ކުޑަ ކުދިން އާދޭ. ދާރުލްއަސާރު ބަލަން. ކަޅުވަކަރު މިސްކިތް ބަލަން. ހުކުރު މިސްކިތަށް ޒިޔާރާތް ކުރަން. އެ މައުލޫމާތުތައް ބުނެދޭ ގޮތުން އެކުދިންގެ ހިތުގައި އުފެދޭ ޝައުގުވެރިކަމެއް ތެދެއްތޯ މިއީ. އެކުދިންނަށް ބުނެދެވޭ ގޮތަކުން ގައުމީ ލޯބި މިއުފެދެނީ. ދިވެހިވަންތަ މިކަހަލަ ކަންކަމަށް ފަހުރުވެރިވެއަށް އެ ލޮއެއްބެއް އުފައްދަންއެއީ ކުރަންޖެހޭ މަސައްކަތަކީ. އެއީ ހަގީގަތުގައި ގައުމިއްޔަތު ދިރިއުވުމަކީ. އެކަމަކު ޕްރެޒެންޓޭޝަނެއް އަޅުވައިގެން ކްލާސްރޫމެއްގައި ކުދިން ބައިތިއްބައިގެން ކިޔަވައިދިނީމަ އެކުދިން ޝައުގުވެރިއެއް ނޫން ގިނަ ފަހަރަށް ވަނީ. އެކަންކަން މަތިން ފޫހިވަނީ. އެއަށްވުރެ އަމަލީ މައިދާނަށް ނެރި އާސާރީ ތަންތަނަށް ގެންގޮސް ކުރީގެ މީހުންގެ ދިރިއުޅުން ފެންނަ ތަންތަނަށް ގެންގޮސް ކިޔައިދިނުން ދިވެހިން އުޅެމުންއައި ގޮތަކީ މިއީއޭ.
ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން![]()
މި ސަރުކާރުގެ ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ގައުމިއްޔަތު ދިރިވުމުގެ ގޮތުން 3000 ސިކުނޑި ތަރައްގީ ކުރެވުނު ކަމަށް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔުމްނާ ވިދާޅުވީ މި ސަރުކާރުން ދިރުވަމުން ދަނީ އައު ވައްތަރެއްގެ ގައުމިއްޔަތެއް ކަމަށެވެ.
ސިކުނޑިތައް ތަރައްގީ ކުރާކަމަށް ވިދާޅުވާއިރު، މިސަރުކާރުގައި އާސާރީ ބިނާތައް ވީރާނާވަމުންދާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމިއްޔަތު ދިރުއުވުމަށް މި ބިނާތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، ޒުވާނުންނާއި، ކުދިންގެ ހަމަ ލޮލަށް އެ ތަންތަން ފެންނަންޖެހޭ ކަމަށެވެ. އަދި ފޮޓޯއެއް ދައްކައި، ޕްރެޒެންޓޭޝަނުން އެކަންކަމަށް ޖީލު ޝައުގުވެރިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.