ޔުމްނު ވެއްޓުނު ހާދިސާގައި ދޮގު މައުލޫމާތު ދީފައިވާތީ އެ މައްސަލަ ތަހުގީގުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކިކުރަން އާއިލާން ގޮވާލައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓޮނޯއީ ގޭގެ 9 ވަނަ ފަންގި ފިލާއިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓީ ބޮޑެތި ޒަހަމްތަކާއެކު އެޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގާއި ގުޅިގެން އާއިލާއަށް ދޮގު މައުލޫމާތު ތަކުރާރުކޮށް ދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޓެގް ކުރައްވާ އެކްސްގައި ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން ކުރި ޕޯސްޓެއްގައި ބުނީ ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލެއް ގެނައުމަކީ އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް ބައްދަލުވުންތަކުގައި ތަކުރާރުކޮށް އާއިލާއަށް ދޮގު މައުލޫމާތު ދިން ފުލުސް އޮފިސަރު ސާމިހު ވަކިކޮށްގެން ބަދަލު ގެނެވިދާނެ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިސްރާފުވާގޮތަށް ކޮމިޝަނެއް ހެދުމުގެ ކުރިން ވެސް ކުރަންވީ ކަމަކީ ސާމިހު ވަކިކުރުން ކަމަށެވެ. އަދި މިއީ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް މުއުމިންގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
Dear President Dr. @MMuizzu,
— Mooch (@mooch3300) April 28, 2025
We get it... real change is hard when you’re part of the system. But you can start by sacking Mr. Samih, the police officer who repeatedly lied to us during meetings.
Before setting up any commissions to waste taxpayers' money, do this.
This is the…
ސާމިހު އަކީ ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާއެވެ. ފުލުހުން ފުރަތަމަ ދުވަހު ބޭއްވި ހަމައެކަނި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވެސް ސާމިހު ވަނީ މައްސަލައިގެ ފޯކަސް ވަކިގޮތަކަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި އަނިޔާ ލިބުނު ޔުމްނުގެ މައުލޫމާތު ހާމަކުރި އިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ އަދި މި ހާދިސާއާއި ގުޅުން އޮތް ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުން އޮތް ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށްފައެވެ.
ފުލުހުން ކްލޯސްޑް ޑޯރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި، ފަހުން ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ތަފާތުވެ އެތަކެއް ސުވާލެއް އަމާޒުވިއެވެ. އަދި ޖެހިގެން އައި ދުވަހު ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ކުރިއަށްދިޔަ އިރު، މި މައްސަލައިގައި ހިމެނޭ ދެމީހަކު ބޮޑުބޭބޭ ވިދާޅުވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެއިރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ އިރު ގުޅުއްވާފައެވެ. ޝުޖާއު ވަނީ މަގާމުން މިހާރު އިސްތިއުފާ ދެއްވާފައެވެ.
މީގެ އިތުރުން މި މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ފުލުހުންނަށް ވަނީ އަންގާފައެވެ.
އަދި، މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް ޕީޖީ އޮފީހުން ވަނީ އަންގާފައެވެ.
އަދި، ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށް ފުލުހުންނަށް ޕީޖީ ވަނީ އަންގަވާފައެވެ.
މި މައްސަލަ ބެލުމަށް ރައީސްގެ ޚާއްސަ ކޮމިޝަނެއް ވެސް ވަނީ އެކުލަވާލާފައެވެ. ނަމަވެސް އެ ކޮމިޝަނަށް އައްޔަންކުރި 3 މީހުންގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ތުހުމަތު ކުރެވިފައިވާ ރައުދު އަހުމަދު ޒިލާލާއި އާއިލީ ގުޅުން އޮންނަ ޑރ. މުހައްމަދު ހަބީބު ވެސް ހިމެނެއެވެ. ނަމަވެސް އޭނާ މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ހ. ފެންޓެނޯއީ ގޭގެ މަތިން ފުރާޅު މައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި އެކު އުޅުނު، ރައުދު އަހުމަދު ޒިލާލު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އެޕްރީލް ވި ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6:20 ގައެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމެވެ.
މީގެ އިތުރުން ރައުދު އަހްމަދު ޒިލާލް އާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމްލަ 9 މީހެއްގެ ފޯނު ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.
އަދި މިމައްސަލައާއި ގުޅިގެން މާންދޫގޭ ދެކުނުގެ ޓެރަސްއާއި ދެވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި 3 ވަނަ ފަންގިފިލާވަނީ ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްޗެއް ގެންދިޔަ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.