އެއް ދުވަހެއްގެ ދެ ސުުރުހީއެވެ. އެއް ސުރުހީ އަކީ " ޝަރީއަތް ނިމެންދެން ބަންދުކުރި ކޭޕާކު މަމްދޫހު ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފި." މިއެވެ. އަނެއް ވާހަކަ އަކީ "ޒުވާނުންގެ މުޒާހަރާތައް ލީޑުކުރި މަހުޒޫމް އާއި ޝިމަންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި." މިއެވެ.
އެއަށް ވުރެ ބޮޑަށް ތަފްސީލްކޮށްލާނަމެވެ. ދައުވާ ކުރަން ނިންމާފައިވާ ދެ މީހުންނަކީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ނުކުތް ޒުވާނުންގެ ތެރެއިން އިސްކޮށް އުޅުނު މީހުންނަށް ދައުވާ ކުރުމުގެ ވާހަކައެވެ. އެ މުޒާހަރާގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދު އަކީ "މަރަށް ތެޅެން" ޒުވާނަކު ދޫކޮށްލުމުން އެކަމާއި ނުރުހުންވެ އިންސާފުގެ ހައްގަށް އެދިގެން ނުކުތް ދެ މީހުންނެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުން ބާތިލުކޮށްފައި އެވާ މީހާ އަކީ ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ މައްސަލަ އާއި ގުޅިގެން ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ)އެވެ. ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އޭނާ ދޫކޮށްލުމަކީ މި ވަގުތު އޭނާ އާއި މެދު އަމަލުކުރެވެން އޮތް އެންމެ ލުއި ގޮތޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެއީ އެތައް ބައެއްގެ ހައްގުތައް ކާލިކަމުގެ ތުހުމަތު ކުރެވޭ މީހާ އާއި މެދު އަމަލުކުރެއްވި ގޮތެވެ. އެތައް ދިވެހިންގެ ހައްގުތަކަށް އަރައިގަތް މީހާ އަށް އަދި ވެސް ދެވެން އޮތް އެންމެ ތަންމިނަށް އެ ވަނީ ދޫލިބިފައެވެ.
އަނެއްކޮޅުން ހައްގު ހޯދުމަށް ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު ދެ ޒުވާނުންނާއި މެދު އަމަލު ކުރީ އެއާއި ދިމާ އިދިކޮޅަށެވެ. ޕީޖީގެ ފަރާތުން ފެނުނީ ގަދަފަދަ ކަމާއި، ގަދަ ބަދަވިކަމެވެ. އެ ދެ ޒުވާނުންނަށް ދައުވާ ކުރުމަށް ޕީޖީ ދެއްކެވި ދިފާއެއް ވެސް އެބަ އޮތެވެ. އެ ދިފާއަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަވާ ނަސޭހަތުގެ އެއްބަސްވުމަށް ދެކޮޅު ހެދުމެވެ.
މި ދެ މީހުންނަށް ކުރާ ދައުވާ އަށް ވެސް ބަލާލަމާތޯއެވެ. މަހްޒޫމް އަށް ކުރަމުންދަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނަގަން އުޅުމުން މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފަވާތީ ކުރާ ދައުވާއެކެވެ. އަދި ޝިމަން އަށް ދައުވާ ކުރީ ވެސް ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެއެވެ.
ޒުވާނަކު މަރުގެ ހާލަތަށް ދޫކޮށްލުމުން މުޒާހަރާކޮށް އޭނާގެ ހައްގު ހޯދަން ނުކުތުމުން މަގު ދައްކާދިނީ ކުޑަ ގޮޅިއަށެވެ. އެ ވިދާޅުވާ ނަސޭހަތުގެ އެއްބަސްވުމުގައި ވެސް ހުރީ ނުކުރާ ކަންކަމުގެ ވާހަކަ ކަމަށް އެ ޒުވާނުން އެބަ ބުނެއެވެ. މި ޒުވާނުންނާއި މެދު ކަންކަން ކުރާ ގޮތުން ދެން ހޯދަން ނުކުމެ މުޒާހަރާ ކުރާ މީހާ އަށް ލިބެނީ ކޮން މެސެޖެއްބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
އެތައް ބައެއްގެ މިންނެތް މަސައްކަތުން ހޯދި ފައިސާ އޮޅުވާލައިގެން ހޯދި މައްސަލައިގައި ދައުވާ ކުރި މީހާ އަށް ލުއި ގޮތެއް ދިނުން ޕީޖީ އަށް މާ ރަނގަޅު ހެން ހީވާކަހަލައެވެ. 104 ދައުވާ އުފުލާފައި އޮތަސް އޭނާ ޝަރީއަތުން ގޮތެއް ނިމެންދެން އެންމެ ފަސޭހަ ގޮތް އެއޮތީ ހޯދާ ދެއްވާފައެވެ. މަންޑޭ އަކީ ނުފޫޒު ހުރި މީހެކެވެ. ތަނަވަސްކަން ހުރި މީހެކެވެ. އެކަމަކު އޭނާ އަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުމުގެ ތުހުމަތު އޮތް މީހެކެވެ. އެއީ މާ ބޮޑު މައްސަލަ އަކަށް ވާހެން މި މައްސަލައިގައި އަމަލުކުރި ގޮތުން ހިއެއް ނުވެއެވެ. ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލުގެ 50 ދައުވާ އޮތް މީހާ އާއި މެދު އަމަލު ކުރަނީ ކުރެވެން އޮތް އެންމެ ހިހޫ ގޮތަށެވެ.
އެކަމަކު އެންމެ ގިނަ ޒުވާނުން މި ފަހުގެ ތާރީހެއްގައި ކުރި މުޒާހަރާގެ އިސްކޮށް އުޅުނު މީހުންނާއި މެދު ބަހައްޓަނީ އާދަޔާއި ޚިލާފު ހަރުކަށިކަމެކެވެ. މިއީ ޔުމްނު ވެއްޓުނު މައްސަލައިގައި ސަރުކާރަށް އައި ޕްރެޝަރ އާއި ގުޅިގެން ކުރާކަމަކަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް ހައްގު ހޯދަން މަގުމައްޗަށް ނުކުތުމަކީ މިއަދު އޮޅުވާލުމާއި ޓެކުމަށް ވުރެ ބޮޑު ކުށަކަށް ވީތާއެވެ. ހައްގުތައް ހޯދަން ނުކުމެ ޖޯޝުގައި އަޑުގަދަ ކުރާ ހިފާ މީހާ އަކީ، އެތައް ދިވެހިންނެއްގެ އިތުބާރުގެ ނާޖާއިޒް މަންފާ ނަގާ އެ ދިވެހިން ބިކަކޮށްލި މީހާ އަށް ވުރެ ބޮޑު ކުށްވެރިއަކަށް މި އޮތީ ވެފައެވެ. މިހެންވީމަ އިންސާފާއި ހަމަހަމަކަން މިނެކިރާނީ ކޮން ހަމައަކުންތޯއެވެ؟