ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާ ބޯވާރޭގައި ވެސް ކުރިއަށް ގެންގޮސްފިއެވެ
އާދީއްތަ ދުވަހުގެ ރޭގެ މުޒާހަރާ ކުރިއަށް ގެންދިޔައީ ބޯކޮށް ވާރޭ ވެހެމުންދިޔަ އިރު ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައެވެ.
މި މަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ޔުމްނު ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކެއް ހައްޔަރުކުރުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި މިކަމަށް އިޝާރާތްކޮށް ލިޔެފައިވާ އިބާރާތްތައް ހުއްޓެވެ.
މުޒަހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ވާރޭ ވެހުނަސް މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. އަދި ބޭނުންވަނީ އިންސާފު ކަމަށާއި، މި މައްސަލައިގައި ޒިންމާވާންޖެހޭ ހުރިހާ ފަރާތްތަކެއް ޒިންމާ ކުރުވަންދެން މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ކަމާއި ގުޅުންހުރި އިދާރާތަކުން ދޮގު ހަދަމުންދާކަމަށް ބުނެފައެވެ. އެޗްއާރުސީއެމްއާއި، ފުލުހުން ވެސް ހަދަނީ ދޮގު ކަމަށާއި، ބޭނުންވަނީ އިންސާފުކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވަމުންނެވެ.
މުޒާހަރާގެ ބައިވެރިން 10 ޑިމާންޑެއް ކުރެއެވެ. އޭގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވާފައެވެ. މުޒާހަރާގެ ބައިވެރިން ކުރި އެހެން ޑިމާންޑްތަކުގެ ތެރޭގައި އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުން، ތުހުމަތުކުރެވޭ ހުރިހާ އެންމެން ހައްޔަރުކޮށް އަދަބު ދިނުން، ފުލުހުން ހާމަކުރި ސީސީޓީވީ ފުޓޭޖުން ބައެއް ގެއްލުނު ސަބަބު ސާފުކޮށްދިނުން، ތަހުގީގަށް ހޯދުނު ހުރިހާ ހެކިތައް ހާމަކުރުން، ފުލުހުންގެ ހިންގާ ތަހުގީގާ މެދު އިންކުއަރީއެއް ހަދައިދިނުން އަދި ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމެވެ.
މުޒާހަރާގެ ބައިވެރިން ބޯ ވިއްސާރައިގައި މުޒާހަރާކުރަމުންދިޔައީ ކުޑައާއި ވިއްސާރަ ކޯޓު ފަދަ ތަކެތި ހިފައިގެން ތިބެއެވެ.