ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 23:15
ސަރުކާރުން ޓެކްސީ ލައިން ތާރަފްކޮށް ޓެކްސީ ޑްރައިވަރުންނަށް ފިލައިގެން އުޅޭތީ ޑްރައިވަރުން ކުރި މުޒާހަރާއެއްގެ ތެރެއިން
ސަރުކާރުން ޓެކްސީ ލައިން ތާރަފްކޮށް ޓެކްސީ ޑްރައިވަރުންނަށް ފިލައިގެން އުޅޭތީ ޑްރައިވަރުން ކުރި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
މަޝްވަރާ ކުރުން
ރައީސްގެ މަޝްވަރާގެ ވާހަކަފުޅަށް ޑްރައިވަރސް އެސޯސިއޭޝަންގެ ރައްދު - މަޝްވަރާއާއި ލަފާ ހޯދަން އެދުމުން ޓެކްސީ ޑްރައިވަރުންނަށް ފުރުސަތެއް ނުދެއްވި
ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރުމަށް ސިޓީ ފޮނުވާފައިވީ ނަމަވެސް ރައީސް އެފުރުޞަތެއް ނުދެއްވި
ރައީސް ވިދާޅުވެފައިވާ ވާހަކަފުޅު ތެދުކަމާއި ސާބިތުކަން ހާމަކޮށްދިނުމުގެ ގޮތުން އެއެސޯސިއޭޝަނުން ފޮނުވާފައިވާ ސިޓީއަށް ޢަމަލުކުރުމަށް ގޮވާލާފައިވޭ

ކަންކަން ރަނގަޅު ކުރުމަށް މަޝްވަރާ ކުރައްވާ ކަމަށް ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން، މަޝްވަރާއާއި ލަފާ ހޯދަން އެދުމުން ޓެކްސީ ޑްރައިވަރުންނަށް ރައީސް ފުރުސަތެއް ނުދެއްވި ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ދަޢުލަތުގެ މީޑިއާ ޕީއެސްއެމް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ކަންކަން ރަނގަޅުކުރުމަށް އަދި މަޝްވަރާކުރުމަށް އަބަދުވެސް މަރުޚަބާ ކިޔާކަމަށެވެ.

މިކަމާއި ގުޅިގެން ރައީސްއާއި މަޝްވަރާކުރެއްވުމަށް ފޮނުވި ސިޓީތަކުގެ ތަފްސީލާއެކު ޑްރައިވަރސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް އެހާ ފާޅުކަން ބޮޑުގޮތެއްގައި މަޝްވަރާއަށް ހިތްވަރުދެއްވައިކަމަށް ވިދާޅުވަމުން ގެންދަވާއިރު ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރައީސް މުޢިއްޒުގެ ލަފާފުޅާއި މަޝްވަރާ ހޯއްދެއްވުމަށް ކުރި މަސައްކަތް ޓެކްސީ ޑްރައިވަރުންނާއި، ސެންޓަރތަކާއި، ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކުގެ އިތުރުން މުޅި ދިވެހި ރައްޔިތުންނަށް ޙަޤީޤަތް ސާފުކޮށްދެއްވުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާއި ބައްދަލުކުރެއްވުމަށް ޑީއޭއެމްއިން ރަސްމީކޮށް 02 ފަހަރެއްގެ މަތީން އެދިފައިވާނެއެވެ. ފުރަތަމަ ނަންބަރ: DAM/LT/2024/15 ސިޓީ 2024 އޮކްޓޯބަރ 30 ވަނަ ދުވަހު (މީގެ 06 މަސް ދުވަސްކުރީން) ފޮނުވާފައިވާއިރު ދެވަނަ ނަންބަރ: DAM/LT/2025/01 ސިޓީ 2025 ފެބްރުއަރީ 16 ވަނަ ދުވަހު ފޮނުވާފައިވާނެއެވެ.

މި ދެ ސިޓީގައިވެސް، ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް މަޝްވަރާކުރެއްވުމުގެ ފުރުޞަތަކަށް އެދިފައިވާނެ ކަމަށް ބުނެފައިވެއެވެ. އަދި ޚާއްޞަގޮތެއްގައި، ސަރުކާރުގެ ޓެކްސީ ފްލީޓްގެ ސަބަބުން ޓެކްސީ ކުރާ ފަރާތްތަކަށް އަސަރުކުރާ ކަންކަމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާކުރެއްވުމުގެ ފުރުޞަތެއް ދެއްވުމަށް އެދި އާދޭސް ދެންނެވިފައިވާނެ ކަމަށެވެ.

މިދެސިޓީ ފޮނުވުމަށްފަހު، އެސޯސިއޭޝަންގެ ފަރާތުން ސިޓީ ލިބުނުކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގުޅާ ކަށަވަރުކޮށްފައިވާނެ ކަަށް ބުނެފައިވެއެވެ. އަދި މެއިލް އިން ސިޓީ ލިބުނުކަން ފިޔަވާ، މިސިޓީތަކާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް މިހާތަނަށް ކުރި މަސައްކަތުން ލިބިފައި ނުވާއިރު، ރައީސުލްޖުމހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވިދާޅުވާފަދަ މަޝްވަރާގެ ބައްދަލުވުމެއްވެސް ހަމަޖައްސައިފައި ނުވާކަމަށެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްކެވި ވާހަކަފުޅުން، މަޝްވަރާކުރުމާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖާގަދޭކަމަށް ވިދާޅުވާއިރު، އެތައް މަހެއްވަންދެން ތަކުރާރުކޮށް ކުރި މަސައްކަތުން ފެންނަނީ އަޑާއި މަންޒަރު ދިމާނުވާ ތަފާތު ޙަޤީޤަތެއް ކަމަށް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑްރައިވަރސް އެސޯސިއޭޝަނުން ކުރުމުންދާ މަސައްކަތަކީ ޒިންމާދާރުކަމާއިއެކު ދެފުށް ފެންނަ، ބިނާކުރުވަނިވި މަޝްވާރާއަށް ޖާގަ ހުޅުވާލެވިފައިވާ މަސައްކަތްތަކެއްކަން ހާމަކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއެސޯސިއޭޝަނުން ފޮނުވާފައިވާ 02 ސިޓީ ވެސް އާންމުކޮށްފައިވެއެވެ.

އެހެންކަމުން ރައީސް ވިދާޅުވެފައިވާ ވާހަކަފުޅު ތެދުކަމާއި ސާބިތުކަން ހާމަކޮށްދިނުމުގެ ގޮތުން އެއެސޯސިއޭޝަނުން ފޮނުވާފައިވާ ސިޓީއަށް ޢަމަލުކުރުމަށް ރައީސް އަށް ގޮވާލާފައިވެއެވެ.

ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ދާއިރާގެ އެންމެހާ ފަރާތްތަކުގެ މަޞްލަޙަތަށްޓަކައި އަދުގެ ސަރުކާރާއިއެކު އިޚްލާޞްތެރި މަޝްވަރާތަކެއް ކުރުމަށް މަސައްކަތްކޮށްފައި ވާނެކަން ފާހަގަކޮށްފައިވެއެވެ. އަދި މިއަދުގެ ސަރުކާރާއި ޓްރާންސްޕޯޓް މިނިސްޓްރީއިންވެސް މިމައްސަލައިގެ ކަންބޮޑުވުންތައް އަޑު އެހުމަށް އެސޯސިއޭޝަނާއެކު މަޝްވަރާކުރުމަށް ފުރުޞަތު ދީފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް