ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 17:25
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް މުއިއްޒުގެ އިންސާފުގެ ވާހަކަ: ޖޯކަކަށްވެސް ނުފުދޭ
ރައީސް މުއިއްޒު އިންސާފޭ ވިދާޅުވާ ވާހަކަފުޅުތަކުގައި މިހާރު އޮއްޓަރެއް ނެތެވެ. މީހުން އެވާހަކަތައް ބަލައެއް ނުގަނެއެވެ.

"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް." މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބައެއް ފަހަރަށް ބައެއް ވާހަކަތައް ދައްކާގޮތުން ހިނިވެސް އާދެއެވެ. މީހުން މަޖާ ނަގަނަގާފައި އެވާހަކަތައް ތަކުރާރުކޮށްވެސް ހަދައެވެ. މަސްއޮޑި އަތިރީގައާއި ހޮޅުއަށިތަކުގައިވެސް ކިޔާ އުޅެއެވެ. މަގު ކުނިކަހާން ނުކުންނަ އަންހެންވެރިންނާ ބަރު މަސަކަތް ކޮށް އުޅޭ މީހުން ލިބޭ ހުސްވަގުތުކޮޅުގައި މުނިފޫހި ފިލުވާލަންވެސް ކިޔާއުޅެއެވެ. އެއަށް ކިޔަނީ ޖޯކެވެ. ނުވަތަ ހެއްވާ މަޖާ ވާހަކަތަކެވެ.

ޖޯކެއްގައިވެސް ހުންނާން ޖެހޭ އުންސުރުތަކެއް ހުރެއެވެ. ހަމަތަކަކާއި އޭގައި ކޮންމެހެން ހުންނާންޖެހޭ ބަހާތަކެއްވެސް ހުރެއެވެ. ޖޯކު ޖޯކަކަށްވަނީ އެބަހާތަކާއި އެއުންސުތައްވެސް ހަމަވެގެންނެވެ. ބަޔަކު ބަލައިގަންނަ ބަޔަކަށް މަޖާވާ އެއްޗަކަށް އެޖޯކުވަނީވެސް އޭރުންނެވެ.

ރައީސް މުއިއްޒު މިހާރު މިދައްކަވާ އިންސާފުގެ ވާހަކައާމެދު މަހީހީ ހަލާކުވެއްޖެއެވެ. އިންސާފޭ ކިޔައިގެން އެވިދާޅުވާ ވާހަކަތަކާމެދު ކުޑައިކޮށް ވިސްނާލީމާ އަންނަނީކީ އަމަށަކު ހިންޏެއް ނޫނެވެ. އެހެން މީހެއްގެ ގާތުގައި މިވާހަކަ ބުނީމާ އެވެރިންނަށް މިކަންވީ ޖޯކަކަށެވެ. އެވެރިންނަށް މުއިއްޒުގެ ވާހަކަތައް ޖޯކަކަށް ނުފެދޫ ވާހަކައެވެ. އެއަށްވުރެ އެއީ ޖޯކަކަށްވެސް ނުވެގެން ދައްކާ ވާހަކަ މާ ބޮޑަށްވެސް ޖޯކު ކަމަށެވެ.

އެމީހުން ލައްކަ ވާހަކަ އެހެން ކިޔާފައި ގޮވާލިއެވެ. ފުރަތަމަވެސް ޖެހީ ބޮޑުތަނުގައެވެ. ރައީސް ޔާމީނަށް ކުރި ހުކުމުގެ ވާހަކައިންނެވެ. އެމީހުން ބުންޏެވެ. މާ ނިޔަނެތިވެފައި ކިރިޔާ އަޑު ނުކުންނަވަރުގެ މަޑުމައިތިރިކަމާއެކު މުއިއްޒު އޭރު ވިދާޅުވީ ރައީސް ޔާމީނަށް ކުރީ "ހަރާމް ހުކުމެއް" ކަމަށެވެ. ސީދާ މުތުލަގަށް މުއިއްޒު އޭރު އެހެން ވިދާޅުވިއެވެ. ކެމްޕޭނުގައި ވަރަށް ބޮޑަށް އެވާހަކަތައް ނަގަނަގާފައި ދެއްކެވިއެވެ. މީހުންގެ ހަމްދަރުދީއާއި ލޯބި ހޯދީއެއިންނެވެ. ޕީޕީއެމްއާއި ޔާމީންގެ ސަޕޯޓަރުންގެ ވޯޓު ހޯދީ އެވާހަކަ އެގޮތައް ދައްކައިގެންނެވެ.

ވެރިކަން ލިބުނީމާ އެހުކުމް ބަރާބަރެވެ. ހަރާމް ހަލާލްވީއެވެ. ލޮލު ބޭހަކަށްވެސް މިހާރު އެހެންވެ އެވާހަކައެއް ނުދައްކަވައެވެ.

ކެންޕޭނުގައި އިންސާފް ގާއިމް ކުރާ ވާހަކައާއި ހަމަހަމަކަން ގެންގުޅުއްވާނެ ވާހަކަ ވިދާޅުވީ މީހުން ބަނޑު ނުބައިކުރާހާ ގިނައިންނެވެ. ރޭޑިޔޯ ޕްރޮގްރާމެއްގެ ރިޕީޓެއްހެން ފަށްފަށްކޮށްގެންނެވެ.

ވެރިކަމަށް އާދެވުމާއެކު އެކަންވީ ރުކަށްއެރި މީހާގެ ނަދުރަށެވެ. ދެއްކެވި ވާހަކަތައް ވީ ކަނޑުގައި އަޅާލި ރޮނގަކަށެވެ. އިހުތިބީން ތަކެތިފޮރުވުމުގައި ވިލާގަނޑަށް ބަލާފައި ވަޅުލާ އުޅުނުހެން ޖެހި ހިސާބާ ދެއްކި ވާހަކަތައް ވީތަން ހަނދާން ނެތި އޮބުނީއެވެ.

ފުރަތަމަ ފެށީ މަޖިލިސް އިންތިޚާބުންނެވެ. މެޖޯރިޓީ ހޯދަން ހަމަޔާ އިންސާފް ބޭއްވީ ބާއްވާނެ ތަނެއްގައެވެ. ވަޒީފާތަކަށް މީހުން ލުމާއި މީހުން ވަކިކުރުން ކާފަގެ މަސްބެހުމާ އެއްވަރުގައެވެ. ދައުލަތުގެ ޚަޒާނާއާއި ވަސީލަތްތައް ބޭނުންކުރީ ހިތުހުރިގޮތަށެވެ. ހަމަޔާ އިންސާފާ ހަމަހަމަކަމާއި ދުނިޔެވީ ހަމަޔާއި އިންޓަރނޭޝަނަލް ބެސްޓްޕރެކްޓިސް ފައިކޭޓުގައި ބާއްވާފައެވެ.

ބޭނުންވާވަރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ދެން ޖެހިލީ އޭގެ ހަތްގިޔަރު މައްޗަށެވެ. އިހުގައި ދަތްގަނޑު ނަގާ މައްޗަށް އަރާނެ ވަރަކަށް އެރީމާ އިތުރަށް ދުވެލި ބާރުކުރަން ވާފަށެއްޖަހާ ކަތްޕަށް ދަމާ ބާރުކުރާ ބީދައަށެވެ.

ދެނެކާ ދެނެއް ނެތެވެ. ފުރަތަމަވެސް އަތްބޭނީ ޖޭއެސްސީއަށެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން އޭރު އޮތްގޮތުން އެމްޑީޕީގެ ސަރުކާރަށް ރަތްމަހަކަށް ނުގޮވާވަރަށް ކަރުންނާރު ނަގަގަނާފައި ފާޑުކީ މުއިއްޒު ބޭނުންވާގޮތައް ޖޭއެސްސީ އަތްމައްޗަށް ކަހާލިއެވެ. ކުޅިބައި އަތުރާލާ މުޅިތަން އަމިއްލަ ފައްސިޔަޔަށް އަނބުރާލިއެވެ. ބޭނުން ގޮތަކަށް ބަދަލު ގެނެވެން އޮތް މަޖިލީހުގެ މެޖޯރިޓީ ބާއްވާފައި ބޭނުންވާ ތަންތަނަށް ބަދަލު ގެނެސް ޖުޑިޝަރީ އަތްމައްޗަށް ކަހާލީއެވެ

ޖޭއެސްސީގެ ބާރު ހަމަޔަށް ނަގާފައި ދެން އެދިމާކުރީ ސީދާ ބޮޑު ކޯޓާއެވެ. ސުޕްރީމް ކޯޓާއެވެ. އުފަންނުވާ މައްސަލައެއް ދައްކައިގެން މުޅިތަން އެވަނީ މަރުތަޅު އަޅުވާފައެވެ. ހައްގުން ކަމަކާ ނުލައި އެތާތިބި ފަނޑިޔާރުންގެ ދުވަސް އެދަނީ ދުއްވާލަމުންނެވެ. އިންސާފާއި ހަމަހަމަކަން އޮތްގޮތައް ބާއްވާފައެވެ.

ސީދާ ފެށުމަށް ޖެހިލާނަމެވެ. ރައީސް މެލޭޝިޔާއަށް ފުރާ ވަޑައިގަންނަވަމުން ވިދާޅުވި ވާހަކަފުޅަށް ބަލާލާނަމެވެ. މިމަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާއަށް އިޝާރާތްކޮށް އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ މުހިންމު މީހެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސެވެ. އިތުރަށް ދެން ތިޔަވާހަކަ ރަނގަޅުވާނީ ނުދެއްކެވިއްޔާއެވެ. ތިޔަވިދާޅުވާ ހަމަހަމަކަން ވަރަށް ރަނގަޅަށް މިހާރުވެސް ގޮސްފައި އޮތް ހިސާބުން ވަނީ ސުވާލެއް ނުއުފެދޭ ވަރަށް ސާފުވެފައެވެ. ފުލުހުންގެ ވާހަކަތައް ދެއިރު ދެދަޅައަށް ތަފާތުވި ތަފާތުވުމާ އޭގައި ހިމެނޭ ކުދިންނާމެދު އަމަލު ކުރަމުންދިޔަ ގޮތާއި އޭގެ ކުރީގެ މިފަދަ ކޭސްތަކުގައި ކަންވީ ގޮތައް ބަލާލުމުން ދެން މާބޮޑު ހާސަރެއް ދެމުމުގެ މާނައެއް ނެތެވެ.

ކޮންމެއަކަސް އެހާދިސާއާ ގުޅޭގޮތުން މަށަކުވާ އިތުރަށް ވާހަކަ ދައްކާކަށް ނެތީމެވެ. އެކަމަކު އިންސާފޭ ހަމަހަމަކަމޭ، ތަފާތު ނުކުރާނަމޭ، އިހު އޮތް ސަރުކާރޭ ޅަފަޅޮލޭ ކިޔުމުގެ ހާސަރުތައް ހުއްޓަވާލައްވާށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހަދާފައިވާ ގޮތާ، އެކޯޓުގައި އަޅުވާފައި އޮތް މަރުތަޅުން ތިޔަ ވިދާޅުވާ ވާހަކަތަކުގެ އޮއްޓަރެއް ނެތެވެ. ތިޔަ ވާހަކަތަކަކު ފެނެއް ނުހިފާނެއެވެ. ކުރިން ދެއްކެވި ވާހަކަތައް އިތުރަށް ތަކުރާރުކުރިއަސް މިހާރު ތިޔައީ ފެންނެތް ބޮޑެތި ކާށި ތަކެކެވެ. އިހުބުނިހެން ތިޔައީ ޖޯކަކަށްވެސް ފުދޭ ވާހަކަތަކެއް ނޫނެވެ.

- ކޮމެންޓް