ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 15:51
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް އިންޓަވިއު ދެއްވަނީ
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް އިންޓަވިއު ދެއްވަނީ
ރައީސް އޮފީސް
މެލޭޝިއާގައި ދިރިއުޅޭ ދިވެހީން
މެލޭޝިއާގައި ދިރިއުޅޭ ދިވެހީން ބޭނުންވާ ކަންކަން ފަހިކޮށްދެވޭނެ ކަމުގެ އުންމީދު ބޮޑު: ރައީސް މުއިއްޒު
މި ދަތުރުފުޅުގައި ދެގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދާނެ
ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރައްވާނެ
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ

މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް އިތުރު ލުއިފަސޭހަތައް ލިބި، ބޭނުންވާ ކަންކަން ފަހިކޮށްދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރީން ދެއްވި ބަސްދީގަތުމެއްގައެވެ.

މެލޭޝިއާއާއި ރާއްޖެއަކީ މިހާރުވެސް ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން، މާތް ﷲ ގެ އިރާދަފުޅާއެކު އެ ގުޅުމަށް އިތުރު ބަދަހިކަމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

މެލޭޝިއާއަކީ މިވަގުތު އެންމެ ގިނަ އަދަދެއްގެ ދިވެހިން، ގައުމުން ބޭރުގައި ވަޒަންވެރިވެފައިވާ ގައުމުކަމުގައި ވުމީ، މި ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން، އިތުރު ކަންތައްތަކެއް ފަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ އެއްސަބަބު ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. މި ދަތުރުފުޅުގެ ތެރެއިން އެކަންކަމަށް މަސައްކަތްޕުޅުތަކެއް ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމަށް އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވަނީ، ވުނޭރުގެ ރޮނގުން ތަނަވަސް މަގުތަކެއް ހުޅުވިގެންދާނެ ކަމަށް އިޝާރާތްކުރައްވާފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ދެގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށާ އަދި މުހިންމު ކަންތައްތަކެއް މި ދަތުރުފުޅުގައި ކުރިއަށްދާނެ ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުން ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ، އެފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މެލޭޝިއާގެ ސަރުކާރުގެ ފަރާތުން އެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާބެހޭ ގޮތުން ވާހަކަދެކެވޭނެކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ދިވެހި އައި.ޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމުވެސް މި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމާއި، ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމުގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، އެމީހުންގެ މަސްލަހަތުތައް ދެނެގަތުމަކީ ރައީސް މުއިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމެކެވެ.

މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކުރައްވާފައެވެ.

މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

- ކޮމެންޓް