ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 14:26
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޒުވާނުންގެ ކަންބޮޑުވުންތައް
ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނެގުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
ޒުވާނުންގެ ޝުއޫރުތައް އަޑުއައްސަވާނެކަމުގެ ޔަގީންކަން ދެއްވި
ފަރުދީ އަދި ޖަމާއީ ފެންވަރުގައިވެސް ދިވެހީންނަށް މަސްލަހަތު އޮތް ގޮތަކީ ގައުމުގައި ހަމަޖެހުން
ނުފޫޒު ފޯރުވޭނޭ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވޭ

ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކުރަން ބަޔަކު އުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، އާދިއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް ވައިގެ ބަނދަރުގައި ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތަކާއި، ޝުއޫރުތައް އަޑުއައްސަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމަނިކުފާނަށް އެންމެ މުހިންމީ، ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާކަމަށާއި، އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނޭ އެއްވެސް ފަރާތެއް ނުހުންނާނޭ ކަމަށް މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ. އަދި، ރައްޔިތުންގެ ކަންވޮޑުވުންތަކާއި ޝުއޫރުތައް އަޑުއެއްސެވުމުގައި ފަސްޖެހިވަޑައިނުގަންނަވާނޭ ކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއައްސަވާނީ ވެސް، އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނީވެސް، އަދި އެކަންކަމާ ގުޅޭ ފިޔަވަޅުތައް އަޅުއްވާނީވެސް ތަހުޒީބުކަމާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބަސްދީގަތުމުގައި އެ އެމަނިކުފާނު ވަނީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، އެ ޝުއޫރުތައް ބޭނުންކޮށްގެން ސިޔާސީ ގޮތުން ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

ފަރުދީ އަދި ޖަމާއީ ފެންވަރުގައިވެސް ދިވެހީންނަށް މަސްލަހަތު އޮތް ގޮތަކީ، ގައުމުގައި ހަމަޖެހުން ގާއިމުވެފައި އޮތުންކަން ހަނދާންކޮށްދެއްވަމުން، އެކަން ކަށަވަރުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު މިމޭރުން ވާހަކަފުޅު ދެއްކެވި ނަމަވެސް ހައްވާ ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާގައި ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ އަސްލު މައްސަލަ އޮއްބާލުމަށް މަސައްކަތް ކޮށްފައިވާކަން ހާމަވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ޔުމްނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކުރި ނަމަވެސް މި މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވެފައިވާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންއާއި، ހޯމް މިނިސްޓަރު އަލީ އިހުސާން އަދިވެސް ހުންނެވީ މަގާމުގައެވެ. އަދި އެ ދެބޭފުޅުން ވަނީ މާގަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ނަަމަވެސް ޒުވާނުން ޑިމާންޑް ކުރަމުންދަނީ އެ ދެބޭފުޅުން ވެސް މަގާމުން ދުރު ކުރުމަށެވެ.

- ކޮމެންޓް