ފަތުރުވެރިކަމާއި 100 އިންސައްތަ އިސްލާމީ މުޖުތަމައުއެއްކަމަށް މަޝްހޫރު ދިވެހިރާއްޖެ ދަނީ ނުރައްކާތެރި އެތެރޭގެ ހަލާކަކާ ކުރިމަތިލަމުންނެވެ. އެއީ ޤައުމުގެ އިޖްތިމާޢީ ފޭރާމާއި މުސްތަޤްބަލަށް ނުރައްކާވަމުންދާ ހަލުވިކޮށް އިތުރުވަމުންދާ މަސްތުވާތަކެތީގެ ބަލިމަޑުކަމެވެ. މަސްތުވާތަކެތި ބޭނުންކޮށްފައިވާ ދިވެހި ޒުވާނުންގެ ތެރެއިން 69 އިންސައްތަ ފަށާފައިވަނީ 14 އަހަރު ނުވަނީސްއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްވެރިން އެންމެ ގިނައީ 18 އާއި 34 އަހަރާ ދެމެދުގެ ޢުމުރުފުރައިގެ މީހުންނެވެ. މިއީ ޤައުމުގެ އެންމެ އުފެއްދުންތެރި ޖީލަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ.
މިކަމަށް އޮތް މައިގަނޑު ޤާނޫނީ ފިޔަވަޅަކީ، ޑްރަގް ގާނޫނު 17/2011 އެވެ. މި ޤާނޫނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށާއި ޕްރިވެންޝަން ޕޮރޮގުރާމް ހިންގުން ލާޒިމްކޮށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އެކުލަވާލާފައިވެއެވެ. ނަމަވެސް، ވެރިކަމާ ހަވާލުވާ ސަރުކާރުތަކުން މި ޤާނޫނުގެ މަޤްޞަދު އެއްކައިރި ކޮއް އެއެޖެންސީ ބޭނުން ކުރެވެނީ ރައްޔަތުންގެ ޓެކްސް ފައިސާ އިސްރާފް ކުރާ ފޫނެއްފައެއްގެ ގޮތުގައެވެ.
ޔޫއެންއޯޑީސީ ވޯލްޑް ޑްރަގް ރިޕޯޓް 2025 ގައިވާ ގޮތުން، ދުނިޔޭގެ ހަމަނުޖެހުންތަކުގެ ސަބަބުން ޖަރީމާ ހިންގާ ޖަމާޢަތްތައް ބާރުގަދަވެ، މަސްތުވާތަކެތި ބޭނުންކުރުން ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ. ސިންތެޓިކް ޑްރަގްސް، ޚާއްޞަކޮށް އެމްފެޓަމައިން-ޓައިޕް ސްޓިމިއުލަންޓްސް (އޭޓީއެސް)، ވަނީ މިހާރު ދުނިޔޭގައި އެންމެ ގިނައިން ހިފެހެއްޓޭ މަސްތުވާތަކެއްޗައް ވެފައެވެ. ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މީގެ މާނައަކީ އައު ބާވަތުގެ މަސްތުވާތަކެތީގެ މާރުކޭޓްތަކާއި ޓްރެފިކިންގ ނެޓްވޯކްތަކުގެ ނުރައްކަލާ ކުރިމަތިލާން ޖެހުމެވެ. އެކަށީގެން ވާ މަސަތްކަތްތަކެއް ނުކުރެވި ފިނިހަކަ ދުވެލީގާ ތިއްބާ ދުނިޔެއަށް އައި ރާޅު ރާއްޖެއައް ބިންދާލީއެވެ، ނަމަވެސް އިދާރާތައް ކަހާތަން ހިރުވާސްވެ ނުލައެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ވައްޓަފާޅި ވަނީ ބޮޑުތަން ބަދަލުވެފައެވެ. ކުރިން، މަސްތުވާތަކެތީގެ ބޭނުންކުރުން އަމާޒުވެފައިވަނީ ހެރޮއިން، ކެނެބިސް، ބެންޒޮޑައިޒެޕީންސް އަދި ރާ ފަދަ ޑިޕްރެސަންޓްތަކަށެވެ. މާލޭގައި 2019 ގައި ކުރެވުނު ވޭސްޓްވޯޓަރ އެނަލިސިސްއިން ދެއްކިގޮތުގައި އޭރު އެންމެ ގިނައިން ބޭނުންކުރެވެނީ ކެނެބިސް އަދި ހެރޮއިންއެވެ. ނަމަވެސް ސިންތެޓިކް ސްޓިމިއުލަންޓްތައް އިތުރުވަމުންދެއެވެ. މިހާރު، ކޮކެއިން، މެތަމްފެޓަމައިން، މެފެޑްރޯން، އެމްޑީއެމްއޭ އަދި ސިންތެޓިކް އޮޕިއޮއިޑްތަކާ އި ސިންތެޓިކް ކެނަބިސްގެ ވައްތަރުތައް އިތުރުވަމުންދެއެވެ. ސިންތެޓިކްތައް ކޮންޓްރޯލްކުރަން އުނދަގޫވާ ސަބަބަކީ އެތަކެތި ކޮންމެ ތަނެއްގައިވެސް އުފެއްދިދާނެތީއާއި، ޤާނޫނުތަކުން ސަލާމަތްވުމަށް ފަސޭހައިން ބަދަލުކުރެވިދާނެތީއާއި، ދިވެހިރާއްޖޭގެ ފުޅާ، ބެލެހެއްޓުން އުނދަގޫ ކަނޑުގެ ސަރަހައްދުގެ ތެރެއިން ޓްރެފިކްކުރެވިދާނެތީއެވެ. އަދި ނުބެލެހެއްޓޭ އެތައް ފަޅުރައް ތަކުގައި މިފަދަ ތަކެތި އުފެއްދުމުގެ ފުރުސަތާ ބިރުވެރިކަން އެބައޮތެވެ.
ދިވެހި ސަރުކާރުތައް ބަރޯސާވެފައިވަނީ ފުރިހަމަ، ހެކީގެ މައްޗަށް ބިނާކުރެވިފައިވާ ސްޓްރެޓެޖީތަކުގެ ބަދަލުގައި ވަގުތީ، އޭރަކު ހުންނަ ވެރިއެއްގެ ވިސްނުމާ ހިޔާލައް ބަރޯސާވާ ސިޔާސަތުތަކަށެވެ. ޕޮޕިއުލިސްޓް ފިޔަވަޅުތަކުން ހެޑްލައިންތައް ހޯދައިދިނަސް، އަސްލު ސަބަބުތަކަށް ހައްލެއް ނުހޯދައެވެ. މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ނެޓްވޯކްތަކަށް ކުރިއަރަން ފުރުޞަތު ލިބެއެވެ. މި ނެޓްވޯކްތަކުން ސިޔާސަތުތަކުގެ ހުސްކަން ބޭނުންކޮށްގެން ކަޅު ފައިސާ ދޮވެ، ސިޔާސީ ކެމްޕޭންތަކަށް ފަންޑުކޮށް، ނާޒުކު ޒުވާނުން ރެކްރޫޓްކުރެއެވެ. ސިޔާސީ ވެރިން އިންތިޚާބުތަކުގައި ވަޢުދުތައްކުރި ނަމަވެސް ވެރިކަމަށް އައުމަށްފަހު މި މައްސަލަ އިހުމާލުކުރެއެވެ. މިއީ މި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ސިޔާސީގޮތުން ބޭނުންކުރެވޭ އާލާތަކައް ވެގެންދާ ސައިކަލެކެވެ.
ދިވެހިރާއްޖޭގައި ދެވޭ ފަރުވާގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި ހެކީގެ މައްޗަށް ބިނާކޮށްފައިވާ ނަމޫނާތަކާ އެއްގޮތަށް ނުދެއެވެ. ދާއިރާގެ ފަންނީ މީހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން، އެހީއަށް އެދޭ މީހުންނަށް ގިނަފަހަރު ކުރިމަތިވަނީ ތަމްރީނު ނުލިބިވާ މުވައްޒަފުންނާއެވެ. މިކަމުގެ ސަބަބުން ބައެއްފަހަރު އެމީހުންގެ ހާލަތު އިތުރަށް ގޯސްވެއެވެ. ޖިންސަށް ޚާއްޞަ ފަރުވާ ހަމަހަމަ ގޮތެއްގައި ނުލިބުމުގެ ސަބަބުން، އަންހެނުންނަށް މުޖުތަމަޢުގެ ނަޒަރުގައި ދެކޭގޮތާއި އެކަށީގެންވާ ޚިދުމަތްތައް ނެތުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ނުލިބެއެވެ. ހަގީގަތުގާ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ބައްޔައް ފަރުވާ އެއް ނުދެވެއެވެ، ތާކުންތާކު ނުޖެހޭ ހިދުމަތް ތަކެއް އެބަހުހްޓެވެ، އެކަށީގެން ވާ ފަރުވާއެއް ނެތެވެ.
މަސްތުވާތަކެތި ޓްރެފިކްކުރާ ވިއުގަތަކުން ދިވެހިރާއްޖޭގެ ޖިއޮގްރަފީއާއި، މަރުކަޒީ އިޤްތިޞާދާއި، އިޖްތިމާޢީ ތަފާތުތަކުގެ ނާޖާއިޒު ފައިދާ ނަގައެވެ. ރާއްޖޭގެ 1,192 ރަށް އޮތުމުގެ ސަބަބުން މޮނިޓަރކުރުން އުނދަގޫވެއެވެ. އަދި އިޤްތިޞާދީ ފުރުޞަތުތައް މާލޭގައި އެއްފަސްވެފައި އޮތުމުގެ ސަބަބުން، އަތޮޅުތަކުގެ ޒުވާނުންނަށް ތެދުވެރި މަސައްކަތުގެ ފުރުޞަތުތައް މަދެވެ. މީގެ ނަތީޖާއެއްގެ ގޮތުން އުފެދޭ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަފާތުތަކުގެ ސަބަބުން، ގިނަ ޒުވާނުން މަސްތުވާތަކެތީގެ ވިއުގަތަކާ ދިމާލަށް ދަނީ، އެހެން ތަނަކުން ނުލިބޭ މަޤާމާއި މާލީ ފައިދާ ލިބޭތީއެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ޢާންމު ޞިއްޙަތުގެ ކަންބޮޑުވުމެއް ނޫނެވެ. މިމައްސަލައަށް އިހުމާލުވުމަކީ ޤައުމުގެ މުސްތަޤްބަލަށް ނުރައްކަލެއް ކުރިމަތިކުރުވާ ކަމެކެވެ. އަދި މުޅި ޒުވާނުންގެ ޖީލަކަށް ވަބާއާއި އެކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. ކުރިއަށް ދިއުމަށް ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި ޑެޑިކޭޝަނާއި، މާލީ އެހީތެރިކަމާއި، މަގުބޫލު ނޫން ނަމަވެސް ދިގު މުއްދަތަކަށް ރިކަވަރީ އާއި ރައްކާތެރިވުމަށް ކޮންމެހެން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރަން ތައްޔާރަށް ތިބުމެވެ. މަސްތުވާތަކެތީގެ މައްސަލަހައްލުކުރުމަކީ، ހަރުދަނާކަމާއި އެއްބައިވަންތަކަން ބޭނުންވާނެ ކަމެކެވެ. ނުކުޅެދޭ ސްޓްރެޓެޖީތަކުގައި ދެމިތިބުމަށް ނުވަތަ އަންނަން އޮތް ޖީލުތަކަށް އުއްމީދު ގެނެސްދޭނެ ހަގީގީ ހައްލުތަކެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތުގައި ބައިވެރިވެގެންނެވެ.