ކ. މާލެ
|
27 އޭޕްރިލް 2025 | އާދީއްތަ 09:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ހަނގުރާމަ ހުއްޓާލުމަށް ޕުޓިން ބޭނުން ނުވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފި
ޓްރަމްޕް ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގައި މަދަނީ ސަރަހައްދުތަކަށާއި، ރަށްތަކަށް މިސައިލް އެޅުމަށް ޕުޓިން އަށް އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށް.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބޭނުންފުޅު ނުވުމަކީ ވެދާނެއް ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕުޓިން އަމަލުތަކަަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އާއެކު ބޭއްވެވި ބައްދަލު ވުމަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ޕުޓިންއާ މެދު މިހާުރު ތަފާތު ގޮތަކަށް އަމަލު ކުރަން ޖެހިދާނެ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގައި މަދަނީ ސަރަހައްދުތަކަށާއި، ރަށްތަކަށް މިސައިލް އެޅުމަށް ޕުޓިން އަށް އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި މިހާރު މާ ގިނަ މީހުން މަރުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެކަންކަމުގެ ސަބަބުން ޕުޓިންއާ މެދު ދެކެމުން އަންނަ ގޮތް ބަދަލު ކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ޓްރަމްޕް ވަނީ އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އަދި ޖޯ ބައިޑަން އަށް ވެސް ފާޑު ވިދާޅުވެފައި އެވެ.

ޓްރަމްޕް ވިދާޅުވީ މިހާރު ހިނގަމުން ދާ ހަނގުރާމަ ފެށިގެން އުޅެނީ ބައިޑަންގެ ސަބަބުން ކަމަށާއި، އޭރު ރައީސް ކަމުގައި އޭނާ ހުންނެވި ނަމަ، އެކަން އެހެން ނުވާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޮބާމާ އާއި ބައިޑަންގެ ސަބަބުން ކުރިމަތިވެފައިވާ "ހަޑިތައް ސާފު ކުރުމަށް" ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ހުކުރު ދުވަހު މޮސްކޯ ގައި އޮތް އެމެރިކާގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވެފައި ވަނީ އެއްވެސް ޝަރުތަކާ ނުލައި ޔޫކްރެއިން އާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ހުރި ހުންނެވި ކަމަށެވެ. 

އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، ޓްރަމްޕް އަންނަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށް ދާ ދުވަސްވީ ހަނގުރާމަ ހުއްޓާލުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، އެކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ.

- ކޮމެންޓް